މާލޭގެ މަގުތައް އެންމެ ޒަމާނީ ފެންވަރަށް ހަދާނިމޭއިރު، އިތުރަށް މަގު ކޮންނާކަށް ނުޖެހޭނެކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ބުނެފިއެވެ.
މާލެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ އަޕްޑޭޓެއް ދެމުން އާރުޑީސީން ކުރި ޓްވީޓެއްގައި ބުނީ، މާލެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ މަގެއްވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށްކަމަށެވެ.
މީގެ އިތުރުން މަގުތައް ހަދާ ނިމޭއިރު އިތުރަށް މަގު ކޮންނާކަށް ނުޖެހޭނެކަމަށާއި އަދި މަގުން ހިނގާ މީހުންނަށްވެސް ހިނގަން އޮންނަ ޖާގަވެސް މިހާރި ބޮޑު ކުރެވިފައިވާކަމަށެވެ.

މި އަހަރަކީ އުމްރާނީ ތަރައްގީގެ ބޮޑު އަހަރަށް ހެދުމަށް ޕްލޭންތައް އެކުލަވާލައި މަސައްކަތް ކުރަމުން އަންނަ ކަމަށް އާރުޑީސީން މިދިޔަ މަހުގައި ވަނީ ބުނެފައެވެ. އެގޮތުން މި އަހަރަކީ ދިވެހިރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް އެއްފަހަރާ، އަތޮޅުތެރޭގައާއި އަދި މާލޭގަވެސް ވަރަށް ބާރު ސްޕީޑެއްގައި ގެންދެވޭނެ އަހަރަކަށް ވާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް އާރުޑީސީން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވި މިނުގައި އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އެ ކުންފުނީގެ މަސައްކަތް މީގެ ކުރިން ހުއްޓިފައި އޮތީ ކޮވިޑް-19 ގެ ޕެންޑެމިކް އާއި ގުޅިގެންނެވެ.




