ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ މަސައްކަތްކުރާނަން- މިނިސްޓަރ ޢިމްރާން

ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ އެމަގަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މާފުށި ޖަލުގައި މިއަދު "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ. އެޔުނިޓަކީ ޖަލުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ އެމީހުން ރިހިބިލިޓޭޓްކޮށް، ފަރުވާ ދިނުމަށް ޚާއްޞަ ޔުނިޓެކެވެ.

50 ގޮޅި ހިމެނޭ ޔުނިޓް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި މިނިސްޓަރ ވިދާޅުވީ މިމަސައްކަތުގެ ސަބަބުން ޖަލުތަކުގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ވަރަށްބޮޑު ހައްލެއް އަންނާނެކަމަށެވެ. އަދިވެސް ޖަލުގައި ތަފާތު ކުށްތަކުގައި ބަންދުކޮށްފައި ތިބި މީހުން ވަކިން ގެންގުޅެން އިސްކަންދީ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

އެއީ ކުށްވެރިން ރިހިބިލިޓޭޓްކުރަންވެސް އެޅޭ މުހިއްމު ފިޔަވަޅެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ތަފާތު ކުށްވެރިންނަށް ތަފާތު ގޮތުގައި ރިހިބިލިޓޭޓް ޕްރޮގްރާމް ހިންގި، ދޭންޖެހޭ ފަރުވާދެވި، ކަންކަން ތަރުތީބުކުރުން އެއީ އެންމެ މުހިއްމު އެއްކަންތައްކަމަށެވެ. ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވުމުން އެފަދަ ކުށްވެރިން އެތަނަށް ބަދަލުކުރެވި އެމީހުންނަށް ޚާއްޞަ ޕްރޮގްރާމްތައް ހިންގި އެމަސައްކަތް ފެށިގެން ދިއުމުން ޖުމްލަ ގޮތެއްގައި ޖަލުގައި ހަރުކަށި ފިރުކު ފެތުރުން ހުއްޓޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން މިނިސްޓަރ ވިދާޅުވީ އިންފްރާސްޓްރަކްޗަރ ބިނާކުރުމަކީ މަސައްކަތުގެ ކުޑަ މިންވަރެއްކަމަށާއި، ޖަލުތަކުގެ ހާލަތު ރަނގަޅުކުރެވޭނީ ޖަލު ބަލަހައްޓާ އޮފިސަރުންގެ ވިސްނުމާއި، ފިކުރު އެކަމަށް ތަމްރީނުކޮށް އެބޭނުންވާ ހުނަރުތައްދީ އެއަށް ހާނުވައިގެންކަމަށެވެ. ޤައިދީންނަކީ ޞުލުހަވެރި ހެޔޮލަފާ މުއާޠިނުންކަމަށް ހެދުމަށް އޮފިސަރުންގެ ވިސްނުމާއި، ފިކުރު ބައްޓަންކޮށް އެކަމަށް ބޭނުންވާ ހުނަރުތައް ދީގެންކަމަށެވެ. އަދި އެއީ އޮފިސަރުންގެ ދީނީ ޤައުމީ ޒިންމާއެއްކަން އަމިއްލައަށް ޤަބޫލުކުރެވިގެންކަމަށެވެ. އެމަގަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ ހުރިހާ އޮފިސަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

"މިތަނަށް ގެނެވޭ އެފަދަ ފިކުރެއްގައިހުރި މީހަކު ހެޔޮލަފާ ރަނގަޅު މީހެއްގެ ގޮތުގައި ނިކުމެ އުފެއްދުންތެރި ފަރާތަކަށް ހެދޭ ދުވަސް އެއީ އަޅުގަނޑުމެން މިކުރާ މަސައްކަތުން ނެރެން ބޭނުންވާ ނަތީޖާއަކީ" މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތް ކުރިއަށްގެންދިއުމުގައި ދުނިޔޭގެ މިންގަނޑުތަކުން ބަލައިގަންނަ ގޮތަށް ކަންކަން ބައްޓަންކުރެވެމުން ދިއުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ކަންކުރާގޮތް ދުނިޔޭގެ މިންގަނޑުތަކުން ބަލައިގަންނަ ހިސާބަށް ގެންދިއުމަކީ ރައްޔިތުން އެދޭ އަދި އުއްމީދުކުރައްވާ ގޮތްކަމަށެވެ. އޭގެނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެންގެ ކުށުގެ ވެށި ބަދަލުވެ، އިޞްލާހުވެ، ހެޔޮލަފާ މުޖުތަމައުއެއް ބިނާކުރަން މަގުފަހިވެގެން ދިއުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރު ހަވާލުވެ ފުރަތަމަ އިސްކަންދިން އެއްކަމަކީ ޖަލުތަކުގެ ހާލަތު ދެނެގަތުންކަމަށާއި، އެމަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މުހިއްމު އެއްކަމަކީ ތަފާތު ކުށްތަކުގައި ބަންދުކޮށްފައިވާ މީހުން އެއްކޮށް ގެންގުޅުމުން ދިމާވާ މައްސަލަތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތަފާތު ވައްތަރުގެ ކުށްވެރިން އެއްކޮށްޓަކަށް ޖަމާކޮށް ގެންގުޅުމުގެ ސަބަބުން ތަފާތު ކުށްތައް ވައިރަހެއް ފަދައިން ފެތުރި އެންމެންނަށް އަރަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސްޕެޝަލް މެނޭޖްމަންޓް ޔުނިޓްގެ މަސައްކަތަކީ ކޮވިޑްގެ ދަތިކަމާއެކުވެސް އެންމެން ގުޅިގެން ހިންގުނު ކާމިޔާބު ޕްރޮޖެކްޓެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޔުނިޓް ހުޅުވުމާ ހިސާބަށް އައިއިރު ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ، އެމީހުންނާމެދު މުއާމަލާތްކުރާނެ ޚާއްޞަ ހުނަރުތައް އޮފިސަރުންނަށް ދިނުމަކީ މިއަދު ކުރެވިފައި އޮތް މުހިއްމު ކަމެއްކަން ފާހަގަކުރައްވާ، އެކަމުގައި ޔޫއެންއޯޑީސީން ދިން އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. އަދި ފަންޑު ކޮށްދެއްވި ޔޫރަޕިއަން ޔޫނިއަންއަށްވެސް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ