ރިޔާސީ ބަޔާން ބޮއިކޮޓްކޮށް އިދިކޮޅުން ކުރީ އިހްތިޖާޖު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ރިޔާސީ ބަޔާން އިއްވެވި، ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޮއިކޮޓްކޮށް މުޒާހަރާކޮށްފިއެވެ.

ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އިދިކޮޅު މަޖިލިސް މެންބަރުން ބޮއިކޮޓްކޮށްފައިވާއިރު، އެ މެންބަރުން ފުރަތަމަ މަސައްކަތް ކުރެއްވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ތައްޔާރުކޮށްފައިވާ ބެނާއެއް ހިފައިގެން މަޖިލީހުގެ ތަޅުމަށް ވަނުމަށެވެ. ނަމަވެސް މަޖިލީހުގެ ސެކިއުރިޓީން އެެ ފުރުޞަތު ނުދިނުމުން މެންބަރުން އިޙްތިޖާޖު ކުރައްވަން ތިއްބެވީ މަޖިލީހުގެ ތަޅުމުން ބޭރުގައި މައި ދޮރު ކައިރީގައެވެ.

ރައީސް ޞޯލިޙް ރިޔާސީ ބަޔާން އިއްވެވި މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އިދިކޮޅުން ބޮއިކޮޓްކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބާއްވައިގެން "ނުހައްގުން އަނިޔާތައް" ދެމުންދާތީ ކަމަށް ބުނެއެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ބެނާ ހިފައިގެން އިދިކޮޅު މެންބަރުން މަޖިލީހުގެ ރަސްމީ ދޮރު ކައިރީ ތިއްބެވިއިރު، ރައީސް ޞޯލިޙް އެތަނަށް ވަޑައިގެން އިދިކޮޅު މަޖިލިސް މެންބަރުންނާ ވާހަކަފުޅު ދައްކަވާ މަންޒަރު ބައެއް ވީޑިއޯތަކުން ފެނެއެވެ.

ރިޔާސީ ބަޔާނާ ދިމާކޮށް އިދިކޮޅު މަޖިލިސް މެންބަރުން މަޖިލިސްކުރާ ގޭގެ ތެރޭގައި އިހްތިޖާޖުކުރިއިރު، އިދިކޮޅު ސަޕޯޓަރުން ދިޔައީ މަޖިލިސް ކުރާގެ ކައިރީ މަގުމަތީގައި މުޒާހަރާވެސް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ