ބިލުތަކުން 117 މިލިއަން މައާފުކޮށް، ވިޔަފާރިތަކަށް ބިލިއަން ރުފިޔާގެ ލޯނު ދިނިން: ރައީސް

ވޭތުވެދިޔަ އަހަރުގެ ތެރޭގަައި ކޮވިޑް-19 ގެ ދަތީގެ ތެރޭގައި ދިވެހި ރައްޔިތުންގެ ބިލުތަކުން ބޮޑު އަދަދެއް ކަނޑާލައި، ދިވެހި ވިޔަފާރިވެރިންނަށް ބިލިއަން ރުފިޔާގެ ލޯނު ދެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވީ، 2021 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަދު ހެނދުނު ދެއްވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ،117 މިލިއަން ރުފިޔާ ފެނާއި ކަރަންޓު ބިލުން އުނިކޮށް، ކުދި އަދި މެދުފަންތީގެ އިތުރުން ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭހެން ލޯނު ދެއްވީ މުވައްޒަފުންގެ ހައްޤުތައްވެސް ހިމާޔަތްކުރުމުގެ ގޮތުން ކަމަށެވެ.

"ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ކަނޑައިލަދިނިން. ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހައުސިންގ ލޯނުތަކަށް ލުއި ދީ، މަތީ ތަޢުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެ ކަމަށާއި، ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް 6 މަސްދުވަސް ފަސްކޮށްދީ، ކޯވިޑުގެ ސަބަބުން ރާއްޖެ ނާދެވި، 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދެއްވި ކަމަށެވެ.

"ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އާމްދަނީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މިދިޔަ ޑިސެންބަރު މަހުގެ ނިޔަލަށް، 17147 މީހަކަށް، 221 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާނެ. މާތް ﷲގެ ވާގިފުޅާއެކު، މިއަހަރުގެ ތެރޭގައިވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. އެކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނެ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ކޯވިޑްގެ ތެރޭގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް، ކޮންސްޓްރަކްޝަން ދާއިރާގެ 240 ފަރާތަކަށް 95 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާނެ ކަމަށްވެސް ރައީސް ޞޯލިޙް މިއަދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ