ސައުދީ އަރަބިޔާ އިސްވެ އޮވެ ޔަމަނުގައި ކުރަމުންދާ ހަނގުރާމައާއި ދެމުންދާ ހަމަލާތަކަށް އެމެރިކާއިން ދޭ އެއްބާރުލުމާއި ކުރާ ތައީދު އަނބުރާ ގެންނަން ނިންމާފައިވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. ރައީސް ބައިޑެން މިހެން ވިދާޅުވީ އެޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓްގައި އިއްޔެ ތަގުރީރުކުރައްވަމުންނެވެ.
ބައިޑެން ވިދާޅުވީ އެމެރިކާ އިން ސައުދީގެ ހަނގުރާމައަށް ދޭ އެއްބާރުލުން އަނބުރާ ގެންނަން ނިންމެވީ ޔަމަނުގެ ހަނގުރާމަ ހުއްޓުމަށް ގެންނަން ބޭނުންފުޅުވެވަޑައިގަންނަވާތީއެވެ. ބައިޑެން ވިދާޅުވީ އެއްބާރުލުން ނުދޭން ނިންމުމުން، މި ހަނގުރާމައަށް އެމެރިކާ އިން ހަތިޔާރު ވިއްކުންވެސް ހުއްޓާލާނެއެވެ.
ސައުދީގެ މި ހަނގުރާމައަށް އެއްބާރުލުން ނުދޭން އެމެރިކާ އިން ނިންމިކަމުގައިވިޔަސް، ސައުދީގެ ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ހަމަ މި ތަގުރީރުގުގައި ބައިޑެން ވިދާޅުވިއެވެ. ބައިޑެން ވިދާޅުވީ އީރާން އަޑީގައި އޮވެގެން މެދުއިރުމަތީގެ އެކި ޖަމާއަތްތަކުން، ސައުދީ އަށް ވަރަށް ގިނައިން ޑްރޯން ހަމަލާތައް ދެމުން އަންނަކަމުގައެވެ.
ސައުދީގެ ސިޔާދަތީ މިނިވަންކަން ހިމާޔަތްކުރުމާ ގުޅޭގޮތުން ބައިޑެން ދެއްކެވި ވާހަކަފުޅަށް ސައުދީން ވަނީ މަރުޙަބާ ދަންނަވާފައެވެ. އެގޮތުން އެޤައުމުގެ ފޮރިން މިނިސްޓަރު، ފައިސަލް ބިން ފަރުހާން އަލް ސައުދު ވިދާޅުވެފައިވަނީ ސަރަޙައްދުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާކަމުގައެވެ. ހަމައެހެންމެ، ސައުދީގެ ޑިފެންސް މިނިސްޓަރުގެ ނައިބުވެސް ވަނީ ބައިޑެންގެ ވާހަކަފުޅުތަކަށް ތާއީދު ކުރައްވާފައެވެ.
އެމެރިކާ އިން ޔަމަނުގައި އަސްކަރީ ހަރަކާތްތައް ހިންގުމަށް ސައުދީ އަށް ދެމުން އައި އެހީތެރިކަން އަނބުރާ ގެނައިކަމުގައިވިޔަސް، ޔަމަނުގައި ހަރަކާތްތެރިވަމުންދާ އަލްޤައިދާގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތް މަޑުޖައްސާލަން ނިންމާފައިނުވާކަމަށް އެޤައުމުން ބުނެއެވެ.