ޔޫއޭއީން ފަލަސްތީނުގެ ނިކަމެތިންނަށް ދޭ އެހީ ބޮޑުތަނުން ކުޑަކުރިންކަން ހާމަވެއްޖެ

އެކުވެރި އަރަބި އިމާރާތުން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އދ. ގެ އެޖެންސީ އަށް ދޭ އެހީ، 2020 ވަނަ އަހަރު ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާކަން ހާމަވެއްޖެއެވެ. ޔޫއޭއީ އިން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދޭ އެހީ ކުޑަކޮށްފައިވަނީ، އެޤައުމުން އިޒްރާއިލާއެކު ސުލްހައިގެ އެއްބަސްވުން ހެދި އަހަރުކަން ފާހަގަކޮށްލެވެއެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖެންސީ ފޯރ ޕަލެސްޓައިން ރެފިއުޖީސް (ޔޫއެންއާރްޑަބްލިޔުއޭ) އަކީ ފަލަސްތީނުގެ ރެފިއުޖީންނަށް ތައުލީމާއި، ޞިއްޙީ ފަރުވާ އަދި އެނޫންވެސް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ އެޖެންސީއެކެވެ. އެއެޖެންސީގެ އެހީތެރިކަން ހޯދުމަށްޓަކައި 5.7 މިލިއަން ރެފިއުޖީން ވަނީ ރަޖިސްޓްރީކޮށްފައެވެ.

އެޖެންސީގެ ތަރުޖަމާނު، ސާމީ މަޝާޝާ ވިދާޅުވެފައިވާ ގޮތުގައި 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ޔޫއޭއީ އިން ވަނީ އެހީގެ ގޮތުގައި 51.8 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފައެވެ. އެހެންނަމަވެސް، 2020 ވަނަ އަހަރު ހަދިޔާކޮށްފައިވަނީ އެއް މިލިއަން ޑޮލަރެވެ. ސާމީ ވިދާޅުވެފައިވާ ގޮތުގައި އުންމީދަކީ 2021 ވަނަ އަހަރު އެ އެޖެންސީއަށް ޔޫއޭއީ އިން ދޭ އެހީ ބޮޑުކުރުމެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޔޫއޭއީން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

2020 ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީ އިން ވަނީ އަނިޔާވެރި އިޒްރާއިލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ދެ ޤައުމުން ސުލްހަވިއިރު، އެ އެއްބަސްވުމަށް މިހާރުގެ ރައީސް ޖޯ ބައިޑެންވެސް މަރުޙަބާ ދަންނަވާފައިވެއެވެ. ޔޫއޭއީގެ ފަހަތުން ސޫދާން، މޮރޮކޯ، އަދި ބަހްރެއިންވެސް އިޒްރާއިލާ އެއްބަސްވެފައިވެއެވެ.

މިކަންކަމާ ގުޅިގެން ފަލަސްތީނުން ބުނެފައިވަނީ މިއީ އެޤައުމުތަކުން ފަލަސްތީނަށް ދޯކާ ދިނުންކަމުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ