މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ (އެމް.ސީ.އެސް.ޓީ) ގެ ފަރާތުން އިންޓަރނެޓްގެ ރައްކާތެރިކަމާއި ގުޅޭގޮތުން އެމްބެސެޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.
ރާއްޖޭގައި މުޅިން އަލަށް ފެށިގެންދިޔަ މިފްރޮގްރާމް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އޮނަރަބަލް އަލްފާޟިލް މުޙައްމަދު މަލީހު ޖަމާލް އެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ މިޕްރޮގްރާމުގެ އަމާޒަކީ އިންޓަރނެޓް ހެޔޮގޮތުގައި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަމާއި، އޮންލައިންކޮށް އުޅޭއިރު ދިމާވެދާނެ ގޮންޖެހުންތަކާއިމެދު ކުދިން ހޭލުންތެރި ކުރުވައި، އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތް ކިޔަދިނުމުގެ އިތުރުން ކަމެއް ދިމާވެއްޖެނަމަ ކަންކުރާނެގޮތް ކިޔައިދިނުމެވެ. އަދި މިމަޢުލޫމާތުގެ އަލީގައި ދިމާވެދާނެ ގޮންޖެހުންތަކާއިމެދު އެހެންކުދިން ހޭލުންތެރި ކުރުވުމަށް އެމްބެސެޑަރުންގެ ހައިސިއްޔަތުން އަމިއްލައަށް އިސްނަގައިގެން އެކުދިންނަށް ސްކޫލު ފެންވަރުގައި ކުރެވިދާނެ ކަންކަން ރާވައި ހިންގުމެވެ.
މާލެ ސަރަހައްދުގެ ސްކޫލުތަކަށް އަމާޒު ކުރެވިގެން ކުރިއަށްދާ މިފުރަތަމަ ބުރުގައި 12 ދަރިވަރަކު ބައިވެރިވެއެވެ. މިޕްރޮގްރާމުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި ޕްރައިވަސީ އާއި ސެކިއުރިޓީ، ސައިބަރ ބުލީންގ، މޯރަލް ކޮމްޕަސް، އަދި ޑިޖިޓަލް ފްރެންޑްޝިޕްފަދަ ބައިތައް ހިމެނެއެވެ.
އެމް.ސީ.އެސް.ޓީގެ އަމާޒަކީ މިނިސްޓްރީގެ ޕާރޓްނަޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިޕްރޮގްރާމް ކުރިއަށް ގެންދިއުންކަމުގައި އެފަރާތުން ވަނި ވިދާޅުވެފައެވެ.




