އައްޑޫ ސިޓީއިން އަނެއްކާވެސް އިތުރު ހަ މީހަކު ޕޮސިޓިވް ވެއްޖެއެވެ. މިއާއެކު އައްޑޫ ސިޓީން ކޮވިޑް-19 ގެ ދެ ކްލަސްޓާއިން މިހާތަނަށް 55 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކުރި ތަފާސް ހިސާބަށް ބަލާއިރު، ހިތަދޫއިން ފެނުނު "އޭވިއޭޝަން ކްލަސްޓާ" އިން މިހާތަނަށް 28 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.އެ ކްލަސްޓާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 310 މީހަކު ވަނީ ދެނެގަނެވިފަ އެވެ. އަދި އެމްޓީސީސީ ކްލަސްޓާއިން މިހާތަނަށް 26 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އައްޑޫ ސިޓީއިން ގިނަ އަދަދެއްގެ ކޮވިޑު ކޭސްތަކެއް ފެނި މުޅި ސިޓީ ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.
މި ކޭސްތަކާއެކު އައްޑޫ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރު ކޮށްފަ އެވެ. އޭގެ ތެރޭގައި އެއް ގެއިން އަނެއް ގެޔަށް މީހުން ނުދިޔުމަށް އަންގައި، ރޭގަނޑު 8:00 އިން ފެށިގެން އެ ސިޓީގައި ކާފިއުވެސް ވަނީ އިއުލާންކޮށްފައެވެ.



