ޖެނުއަރީ 2021 ގައި މީރާއަށް 1.79 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މަޢުލޫމާތު ދީފިއެވެ.
އަދި މިއަދަދަކީ މިދިޔައަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %1.2 ދަށް އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.
މީރާއިން މަޢުލޫމާތު ދޭ ގޮތުގައި، ޖެނުއަރީ 2020 ގައި ލިބުނު އާމްދަނީ އަޅާބަލާއިރު ޖެނުއަރީ 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށްވުރެ މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.
މިގޮތުން، ގްރީން ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކުހަށް ލިބިފައިވާ އާމްދަނީ ވަރަށް ދަށްވެފައިވީނަމަވެސް، ޓޫރިޒަމް ދާއިރާގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން ދާތީ، ޓީ.ޖީީ.އެސް.ޓީގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން އަންނަކަމަށް މީރާއިން ފާހަގަކުރެއެވެ.
ޖެނުއަރީ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ %43.4 ނުވަތަ 777.46 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދިނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ %41.0 ނުވަތަ 734.60 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 57.35 މިލިއަން ރުފިޔާ (%3.2)، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 52.34 މިލިއަން ރުފިޔާ (%2.9)، ބީ.ޕީ.ޓީގެ ގޮތުގައި 45.57 މިލިއަން ރުިފޔާ (%2.5) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 123.35 މިލިއަން ރުފިޔާ (%6.9) ހިމެނެއެވެ.'
އަދި ޖެނުއަރީ 2021 ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 46.01 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.




ހިޔާލު
މީރާ އަށް ލިބޭ ނުލިބޭ ތިޔަހާމަކުރަނީ ކާކު ކޯއްޗެކޭ ބުނެގެން..
ތިޔަކަމުން ރަހަހެޔޮވަރުވަނީ ، ސައިޒުގެ ގޮތުން ކޮންފަޓުލޫތަކެއްގެ ޖީބުތަކަކަށް..