އައްޑޫ ސިޓީ އިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އެމެޖެންސީ އޮޕަރެޝަން ސެންޓަރުން ހާމަ ކުރައްވާފައިވާ ގޮތުގައި ރޭ 6:00 އިން ފެށިގެން އިއަދު ހަވީރު 6:00 އާއި ހަމައަށް އައްޑޫ އައްޑޫ ސިޓީން ވަނީ އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެ 2 މީހުން ޕޮޒިޓިވް ވެފައި ވަނީ އައްޑޫ ސިޓީ ފޭދޫ އިންނެވެ.
އެއާއި އެކު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 60 އަށް އަރާފައެވެ.
އައްޑޫ އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަ ކުރައްވާފައިވާ ގޮތުގައި އައްޑޫ ސިޓީއިން އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައި ވަނީ ހުޅުދޫ މީދޫއިންނެވެ. އެރަށުން ފެނުނު ކޭސްގެ އަދަދު ވަނީ 25 އަށް އަރާފައެވެ. ދެން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ ހިތަދޫ އިންނެވެ. ހިތަދޫ އިން 20 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ފޭދޫއިން 11 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މަރަދޫ ފޭދޫ އިން 4 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އައްޑޫ ސިޓީގެ މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު، ކޮވިޑް ކޮންޓްރޯލް ކުރުމަށް އައްޑޫ ސިޓީގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިސްކިތްތަކުގެ ޖަމާޢަތްތައް މެދު ކަނޑާލާފައި ވާއިރު، ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރުގައި އުޅުންވެސް ވަނީ މަނާ ކޮށްފައެވެ.
އައްޑޫ އީއޯސީ އިން ވަނީ އައްޑޫ ސިޓީ މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާ މި ޙާލަތުގައި އައްޑޫ ސިޓީން މާލެއަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ފުރަން ބޭނުންނަމަ އާއި، އެހެން ރަށަކުން އައްޑޫ އަށް ފުރައިގެން އަންނަން ޖެހިއްޖެ ޙާލަތެއްގައި އައްޑޫ އެ ސެންޓަރަށް އީމެއިލް ކުރައްވައިގެން ފުރުމުގެ ހުއްދަ ހޯއްދެވުމަށް ދަންނަވާފައެވެ.
އައްޑޫ ސިޓީ ކްލަސްޓަރ އިން ޖުމްލަ 341 މީހަކު ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައެވެ. މީގެ އިތުރުން 185 އިމާރާތެއް ވަނީ ކަރަންޓީން ކުރެވިފައެވެ.
އައްޑޫ ސިޓީގައި މިއަދުވެސް ވަނީ 98 ސާމްޕަލް ނަގާފައެވެ.
އައްޑޫ ސިޓީ އިން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން 5 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.




