ވޯޓަކާ ނުލައި 120 މެންބަރަކު އިންތިޚާބު ވެއްޖެ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓަކާއި ނުލައި 120 މެންބަރަކު އިންތިޚާބުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިޔަށް އިންތިޚާބުގައި 120 މެންބަރަކު ވޯޓަކާއި ނުލައި އިންތިޚާބު ވެފައިވާކަން ހާމަ ކުރައްވާފައެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ސަބަބުންނާއި ކެނޑިޑޭޓެއްގެ ކެނޑީޑެންސީ ބާޠިލް ކުރުމުގެ ސަބަބުން އިންތިޚާބަކާ ނުލާ މެންބަރުންތަކެއް ހޮވިފައިވާކަމަށެވެ.

އީސީއިން ހާމަކުރި ގޮތުގައި ފެބުރުވަރީ 11 ގައި ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ބަންދުވުމާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ 31 ދާއިރާއަކަށް 90 މެންބަރުން ވޯޓަކާ ނުލައި އިންތިޚާބުވެފައިވެއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގެ 22 މަޤާމަކަށް 30 މެންބަރުން ވޯޓަކާ ނުލައި އިންތިޚާބުވެފައިވާކަމަށެވެ.

މިފަރާތްތައް އިންތިޚާބުވެފައި ވަނީ ވާދަކުރާނެ އިތުރު ކެނޑީޑޭޓަކު ނެތުމުގެ ސަބަބުންނެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި 308 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގެސްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކެނޑިޑޭޓުންގެ ލިސްޓް މިހާރު ވަނީ ފައިނަލް ކުރެވިފައިކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ޤާނޫނުގެ ދަށުން ކެނޑީޑޭޓުންނަށް ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު ހުޅުވާލައިފައި ވަނީ 23 ޖޫން 2020 އިން ފެށިގެން 11 ފެބުރުވަރީ 2021 ގެ ނިޔަލަށެވެ.

މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 10 އޭޕްރީލް 2021 ގައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ