ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަސް މަަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިޢުލާން ކޮށްފިއެވެ.
އިލެކްޝަންގެ ކޮމިޝަނުން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކުރިން ކުރިމަތިލާ އަދި އެ ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ހޮވުނުކަން އަންގާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށައަޅަން ނުޖެހޭނެކަމަށެވެ.
އެގޮތުން އޮފިޝަލުންގެ ގޮތުގައި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، [email protected] އަށް ފޮނުއްވުމަށް ވަނީ ދަންނަވާފައެވެ. އަދި ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައިވެސް އެކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޝަރުތު:
- ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
- މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
އުޖޫރަ:
- ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ / -/1800ރ (އަށާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު
- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ / -/1600ރ (ސޯޅަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު
- ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ / -/1500ރ (ފަނަރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.
- ވޯޓު ގުނާ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ / -/1200ރ (ބާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާ ދުވަހު.
- ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ / -/500ރ (ފަސް ސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.
- ކިއު ސުޕަވައިޒަރަކަށް ހަމަޖައްސައިފިނަމަ / -/1000ރ (އެއް ހާސް ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.
- ޑިސްއިންފެކްޓް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ / -/1000ރ (އެއް ހާސް ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު
އިލެކްޝަންސް އިން ވިދާޅުވީ އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސޭނެކަމަށާއި، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި -/300ރ (ތިންސަތޭކަ ރުފިޔާ) ލިބޭނެއެވެ.
އިޢުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެކަމަށެވެ. ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހުއެވެ.




