ދޫނި ރޯގާގެ H5N8 އިންސާނުންގެ ގައިން ފެނިއްޖެ

ދޫނި ރޯގާގެ ވައްތަރެއްކަމަށްވާ H5N8 ފުރަތަމަ ފަަހަރަށް އިންސާނުންގެ ގައިން ފެނިއްޖެއެވެ.

އިންސާނުންނަށް މިރޯގާ ޖެހިފައިވާކަން ރިޕޯރޓްކޮށްފައިވަނީ ރަޝިއާއިންނެވެ. މިއީ މިރޯގާ އިންސާނުންގެ ގައިން ފެނިގެން ރިޕޯރޓްކުރެވުނު ފުރަތަމަ ފަހަރެވެ.

ބޭރުގެ މީޑިއާ ރިޕޯރޓްތައް ބުނާގޮތުން، ރަޝިއާއިން ދޫނި ރޯގާ ފެނުމާއި ގުޅިގެން އެގައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަށްވެސް އެ މައުލޫމާތު ހިއްސާ ކޮށްފައެވެ.

މިބަލި ރަޝީއާގެ 7 މީހަކަށް ޖެހިފައިވާއިރު، މި 7 މީހުންނަކީވެސް އެގައުމުގެ މަޝްހޫރު ކުކުޅު ފާމެއްގައި މަސައްކަތް ކުރަމުން އަންނަ ބައެކެވެ. ރިޕޯރޓްތައް ބުނާގޮތުން މިމީހުންގެ ގައިން މިބަލި ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މިމީހުންގެ ކިބައިން ސިއްހީ އެއްވެސް ކަހަލަ ސީރިއަސް ކަމެއް ނުފެނި ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.

އަދި މިބަލި އިންސާނުންގެ ގައިން އިންސާނުންގެ ގަޔަކަށް ޖެހޭކަން ފާހަގަ ކުރެވިފައިނުވާކަމަށާއި، ނަމަވެސް ބަލި އިތުރަށް ތަރައްޤީވަމުން އައިސް ފަހުން ވާނީ ކިހިނެއްކަމެއް ބުނަން ނޭނގޭކަމަށްވެސް ޓީވީގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަޝިއާގެ ޕަބްލިކް ހެލްތު ޗީފް އައްނާ ޕޮޕޮވާވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ