ޔޫކްރެއިންގެ ރައްޔިތުންނަށް ހަމްދަރުދީވަން، މަޝްވަރާއަށް ގޮވާލަން: ރައީސް ޞާލީިހް

ޔޫކްރެއިންގެ ރައްޔިތުންނަށް ހަމްދަރުދީވެލައްވާކަމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ރަޝިއާއާއި ޔޫކްރެއިން ދެމެދު ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިރޭ ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް. އެމީހުންނަށް ލިބެމުންދާ އަނިޔާތަކާމެދު ހަމްދަރުދީވަން. ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިންވެސް ތަކުރާރުކުރަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޔޫކްރެއިން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު ކަމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތުމުގެ މައްޗަށް ކަމަށެވެ.

"މިއީ، އ.ދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ބިންގާ. ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން މި އަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ޤަބޫލުކުރާ ހަމަ." ދިވެހިރާއްޖޭގެ ވިސްނުން ހާމަކުރައްވާ ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް، މިމަހުގެ 2 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި، 141 ޤައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައި ކަމަށެވެ.

"މި ހަނގުރާމަ ކޮންމެވެސް ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރެއިން މިހާރު އޮތް ޙާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެ. އަދި މި ހަނގުރާމައިން ދުނިޔޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށްވެސް އެހާ ދުވަސް ނަގާނެ. އެހެންކަމުން، ޔޫކްރެއިން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މި އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ހަނގުރާމައިން އުފެދޭ އިޤްތިޞާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ޤައުމަކަށް ފޯރާ ކަމަށާއި، އެކަމުގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށާފައިވާ ކަމަށެވެ.

"ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ." ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ