ކޮވިޑް-19 ގެ ވައިރަހުން ސަލާމަތްވުމަށް އެމެރިކާގައި ދިރިއުޅޭ މީހުން 2022 ވަނަ އަހަރުވެސް ފޭސް މާސްކް އަޅަންޖެހިދާނެކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ އެންމެ އިސް ސައިންސްވެރިޔާ، ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.
އެމެރިކާގައި ކޮވިޑް-19 ވެކްސިން ދޭން ފަށާ، 60 މިލިއަނެއްހާ މީހުންނަށް ވެކްސިން ދީފައިވާއިރު، އެމެރިކާއިން ދުވާލެއްގެ މައްޗަށް މީހުން ޕޮޒިޓިވްވާ އަދަދު ދަނީ ދަށްވަމުންނެވެ. ނަމަވެސް، އެމެރިކާގައި އެތަށްހާސް މީހުންނެއް ކޮންމެ ދުވަހަކުވެސް ދަނީ މި ވައިރަސްގައި މަރުވަމުންނެވެ.
އެމެރިކާގައި ކޮވިޑް-19 އަށް އަދި ވެކްސިން ދެވިފައިވަނީ އެ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް 15 އިންސައްތައަށްވުރެ ދަށް އިންސައްތައަކަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ލަފާދޭ އެންމެ އިސް ސައިންސްވެރިޔާ ފައުޗީ، ސީއެންއެންއަށް ވިދާޅުވީ، މި ވައިރަހުގައި އެމެރިކާއިން ރެކޯޑު އަދަދަކަށް މީހުން މަރުވުމަކީ، ގައުމުގެ ތާރީހުގައި ވެގެންދިޔަ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ދެން އަންނަ އަހަރު އެމެރިކާގައި މީހުން ފޭސް މާސްކް އަޅަންޖެހިދާނެ ކަމަށް ބެލެވޭތޯ ކުރި ސުވާލަށް ޖަވާބުން ދެމުން ފައުޗީ ވިދާޅުވީ، އެއީ ވެދާނެ ކަމެއް ކަމަށެވެ.
ފައުޗީ ވިދާޅުވީ، ދެން އަންނަ އަހަރުވެސް އުޅެންޖެހޭނީ ފޭސްމާސްކް އަޅައިގެންތޯ ނުވަތަ ނޫންތޯ، ޔަޤީންވާނީ، ވައިރަސް ކޮމިއުނިޓީގައި ފެތުރޭ މިންވަރާއި އަދި އުފެދޭ ވައިރަހުގެ އެކި ބާވަތްތަކަށް ބަލާފައިކަމަށެވެ.



