ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކޮރެކްޝަނަލް ސާވިސް އިން ދިނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމްއެވެ. ކުއްލި މައްސަލަ އަށް ބަހުސް ކުރަން މަޖިލިހުން މިހާރު ވަނީ ފާސްކޮށްފައެވެ.
އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އަދީބަކީ ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައިވާ މީހުންނާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ޝާމިލްވާ މީހުން ވަގަށް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް މެދުވެރިވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށާއި، އަދީބު ރާއްޖެ އިން ބޭރަށް ފުރަން ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވާ ކަމަށް އެ މުއައްސަސާ އިން ބުނެފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދީބަށް ރާއްޖެ އިން ބޭރަށް ގޮސް ފިލިޔަ ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެޅީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު މީކާއިލް ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އަދީބުގެ މައްސަލަތަކެއް ކޯޓުތަކުން ނިންމާލައި، އޭނާއަކީ މިނިވަނަކަށް ހަދާފައިވާ ކަމަށެވެ.
އެހެންވެ، އަދީބު ފިލިޔަ ނުދޭން އަޅާފައި ވަނީ ކޮން މަސައްކަތެއްތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މީކާއިލް ވިދާޅުވި ގޮތުގައި އަދީބު ވަނީ "ފުރަން ވެސް ތައްޔާރުވެފަ" އެވެ.
އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިންކަމަށް ކަރެކްޝަންސް އިން އިއްޔެ ބުނުމާއެކު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރޭ ވިދާޅުވީ، އަހުމަދު އަދީބު އެ ކޮމިޝަނަށް ހާޟިރުކޮށް ރިޟްވާން ގެއްލުމާއި އަދި އަފުރާޝީމްގެ މަރުގެ މައްސަލައިގައި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.
އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމްވެސް ކޯޓުތަކުން ބާޠިލް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.



