ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށްދާއިރު، ފުލުހުންނާއި ކަރެކްޝަންސްގެ ބޭފުޅުން ވެސް ދާނެކަން އަންގާފައިވާ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
އަދީބު ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ ކަރެކްޝަންސް އިން އިއްޔެ ދީފައިވާއިރު، ނަޝްވާ ވިދާޅުވީ ބޭސްފަރުވާ ކުރުމުގެ ހައްގަކީ އިންސާނީ ހައްގެއް ކަމަށާއި ޑޮކްޓަރުންގެ ލަފަޔަށް އިހުތިރާމު ކުރީތީ ކަމާ ގުޅޭ މުއައްސަސާ ތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
ނަޝްވާ ވިދާޅުވީ، މި ދަތުރުގައި އަދީބުގެ ލޮލަށް ބޭނުންވާ ފަރުވާގެ އިތުރުން ކުރިން ޑޮކްޓަރުން ލަފާ ދީފައިވާ ގޮތުގެ މަތީން ކެންސަރުގެ ޓެސްޓުތައް ވެސް ކުރެވޭނެ ކަމަށެވެ.
We have also been informed that security officials from both Maldives Police Service and Maldives Correctional Service would be accompanying us throughout our medical trip.
— Nash (@maryam_nashwa) June 11, 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކޮރެކްޝަނަލް ސާވިސް އިން ދިނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހަށް ވަނީ ކުއްލި މައްސަލައެއް ހުށަޅާފައެވެ.
އަދީބަށް ރާއްޖެ އިން ބޭރަށް ގޮސް ފިލިޔަ ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެޅީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ކޮމިޝަނަ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވެސް ކުއްލި މައްސަލައިގައިވެއެވެ.
އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިންކަމަށް ކަރެކްޝަންސް އިން އިއްޔެ ބުނުމާއެކު، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރޭ ވިދާޅުވީ، އަހުމަދު އަދީބު އެ ކޮމިޝަނަށް ހާޟިރުކޮށް ރިޟްވާން ގެއްލުމާއި އަދި އަފުރާޝީމްގެ މަރުގެ މައްސަލައިގައި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.
އަދީބުގެ މައްޗަށް ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމްވެސް ކޯޓުތަކުން ބާޠިލް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.




