ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

ކޮވިޑާހެދި މޫސުމީ ބަދަލުތަކާ ދެކޮޅަށް ހޭދަކުރަން ހުރަސްތަކެއް

އދ ސަލާމަތީ މަޖިލީހުގައި ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމާ މޫސުމީ ބަދަލުތަކާ ހުރި ގުޅުންތަކާ ގުޅޭ ބަހުސްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރޭ ބައިވެރިވެވަޑައިގެންފިއެވެ. ސަލާމަތީ މަޖިލީހުގެ ފެބްރުއަރީ މަހުގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން މި ބައްދަލުވުން އިންތިޒާމްކުރީ އިނގިރޭސިވިލާތުންނެވެ. އަދި ބައްދަލުުވުމުގެ ރިޔާސަތުގައި އިންނެވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަންއެވެ.

މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ޚާއްސަކޮށް ހަނަފަސްކަމާއި ފެންބޮޑުވުމުގެ ސަބަބުން، ގައުމުތަކަށް ދިމާވާ ނުރައްކަލުގެ މައްޗަށެވެ. އަދި މޫސުމީ ބަދަލުތަކާއި ގުޅިގެން ދިމާވާ ދަތިތަކާއި ކުރިމަތިވާ ގޮންޖެހުންތަކާއި ދެކޮޅަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ގެނައުމަށްވެސް މިބައްދަލުވުމުގެ މަޝްވަރާތަކުގައި އަލިއަޅުވާލެވުނެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދުވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް ހާސް މީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ދިވެހިރާއްޖެފަދަ ބިން ތިރި ގައުމުތަކަށް މޫސުމީ ބަދަލުތަކުން ދިމާވާނެ ބޮޑެތި ގެއްލުންތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދުނިޔެއަށް ދިމާވި ކޮވިޑް19އިން އަރައިގަތުމަށް އެތަކެއް ހޭދަތަކެއް ކުރަން ޖެހުމުން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަންހުރި ކަންކަމަށް ހޭދަ ނުކުރެވި، ހުރަސްތަކެއް ކުރިމަތިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމުގެ މުހިންމުކަން މިނިސްޓަރުވަނީ ފާހަގަކުރެއްވިއެވެ. އަދި 2030 ގެ ކުރިން ދިވެހިރާއްޖެ ނެޓް-ޒީރޯ އެމިޝަންއަށް ވާސިލުވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ސުލްހައާއި ރައްކާތެރިކަމަށް ހުރި ބޮޑެތި ގޮންޖެހުންތައް ފާހަގަކުރައްވައި، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) ގެ މަސައްކަތުގައި އދގެ ސަލާމަތީ މަޖިލީހުގެ ދައުރުގެ މުހިންމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން، ޚާއްސަކޮށް ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވާ ނުރައްކާތަކުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުށް މިނިސްޓަރު ޝާހިދުވަނީ ގޮވާލައްވާފައެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ