މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ އަތުން ވަގަށް ނެގި އޭނާގެ ކުއްތާތައް ހޯދައިފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވެސްޓް ހޮލީވުޑްގައި ހިނގި ވައްކަމުގެ ހާދިސާއެއްގައި، ލޭޑީ ގާގާގެ ކުއްތާތައް ބަލަން ގެންގުޅޭ މީހާ ގަޔަށް ބަޑި ޖެހުމަށްފަހު ކުއްތާތައް ވަނީ ވަގަށް ނަގައިފައެވެ. ވަގަށް ނަގާފައިވަނީ ލޭޑީ ގާގާ ގެންގުޅޭ ދެ ފްރެންޗް ބުލްޑޯގްއެވެ.
މި ދެ ކުއްތާ ހޯދައިފައިވަނީ، އަންހެނެކެވެ. އެ އަންހެންމީހާ އެ ކުއްތާތައް ސަލާމަތްކޮށް އޮލިމްޕިކް ކޮމިއުނިޓީ ޕޮލިސް ސްޓޭޝަން އަށް ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ގެނެސްފައެވެ.
ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ކުއްތާތައް ފެނިފައިވަނީ، ވަގަށް ނެގި ހިސާބާ އެތައް މޭލެއް ދުރުން، ހޮޅި ދަނޑިއެއްގައި އައްސައިފައި ހުއްޓައެވެ. އަދި ލޯ އެންފޯސްމެންޓް އިން ކަށަވަރު ކޮށްދީފައިވާ ގޮތުގައި، މި ކުއްތާ ހޯދި އަންހެން މިހާއަކީ އެ ވައްކަމާއި ގުޅުން ހުރި މީހެއް ނޫނެވެ. އަދި އެ އަންހެން މިހާ އަށް ކުއްތާ ފެނިފައިވަނީ އެ ސަރަހއްދުން ދަނިކޮށް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ލޭޑީ ގާގާގެ ކުއްތާތައް ހޯދައިދިން މީހަކަށް 500،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް ގާގާ ވަނީ ބުނެފައެވެ.
ކުއްތާތައް ވަގަށް ނެގި މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާކަމަށް ރިޕޯޓުކޮށްފައިވެެވެ.
މި ހާދިސާގައި ވަގުން ލޭޑީ ގާގާގެ ދެ ކުއްތާ ހިފައިގެން ފިލާފައިވަނީ، ކުއްތާތައް ގެންގުޅޭ މީހާ، ރަޔަންގެ މޭ މައްޗަށް ހަތަރު ފަހަރަށް ބަޑި ޖެހުމަށްފަހުއެވެ.30 އަހަރުގެ ރަޔަން އެ ދުވަހު ބޭރަށް ނުކުތީ ގާގާގެ ތިން ކުއްތާ ހިފައިގެން ހިނގާލަންށެވެ. އޭގެ ތެރެއިން ގާގާ ގެންގުޅޭ ކޮޖީ އާއި ގުސްތާވް ވަގަށް ނެގިއިރު، ތިންވަނަ ކުއްތާ، މިސް އޭޝިއާ ވަނީ އެ ތަނުން ވަނީ ފިލައިފައެވެ. އަދި އެ ކުއްތާ ފަހުން ހޯދީ ފުލުހުންނެވެ.
ރަޔަންގެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް އިރު، އޭނަގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.




