ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިސްވެއޮވެ، ތެޔޮ އިންޑަސްޓްރީގައި މަސައްކަތްކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބޮޑެތި ދަތިތަކެއް ކުރިމަތިކުރާކަމުގެ ތުހުމަތު ކުރަންފަށައިފިއެވެ.
ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވަނީ ސަރުކާރުގެ ތެޔޮ ކުންފުނި، އެފްއެސްއެމްއިން ރީޓެއިލް ވިޔަފާރިއަށް ވަދެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރަށް ވިޔަފާރި ނުކުރެވޭވަރަށް އެފްއެސްއެމްއިން ރީޓެއިލް ކުރަން ފެށުމުންނެވެ.
ރީޓެއިލް ވިޔަފާރި އިތުރަށް ފުޅާކޮށް، ހުޅުމާލެ ފަޅުގައި ތެޔޮ ބާޖެއް ބާއްވައިގެން ކަނޑުމަތިން އުޅަނދުފަހަރަށް ތެޔޮ އެޅުމުގެ ޚިދުމަތް ފެށިކަން އެ ކުންފުނިން ވަނީ މިއަދު ހާމަކޮށްފައެވެ.
މާލޭ ސަރަހައްދުގައި އަޅާފައި ހުންނަ ސަފާރީ އަދި އެހެނިހެން ކަނޑުއުޅަނދުތަކަށް އަވަހަށް ތެޔޮ ފޯރުކޮށްދިނުމަށް އެފްއެސްއެމްގެ ފުންނަ ބާޖް ޚާއްސަކުރެވިފައި pic.twitter.com/elvnR4k4jb
— FSM (@FuelSuppliesMv) March 2, 2021
ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނިގޮތުގައި، ހުޅުމާލެ ފަޅުގައި އެފްއެސްއެމްގެ ތެޔޮ ބާޖެއް ބާއްވައިގެން ސަފާރީތަކަށާއި، އޮޑިދޯނިފަހަރަށް ތެޔޮ އަޅައިދީ، މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކުން ކުރަމުން އައި މަސައްކަތުގެ ތެރެއަށް ވަނުމަކީ މި ދާއިރާގައި މަސައްކަތްކުރާ އެތައް ބަޔަކު މި ހާލަތުގައި ބަނގުރޫޓުގެ، އެތައް މުވައްޒަފުންނެއްގެ ހައްޤުތައް ގެއްލިދާނެފަދަ ކަމެއް ކަމަށެވެ.
"މިހުންނަނީ ކުދި ވިޔަފާރިތަކުން ކުރަމުން އަންނަ މަސައްކަތް. މިކަމަށް ސަރުކާރުގެ ތެލުގެ މައި މުންފުނިން ވަނީމާ ދެން އަޅުގަނޑުމެން ކީތްތޯ ކުރާނީ، އެފްއެސްއެމްއިން ތެޔޮ ގަނެގެން ދެން ވިއްކާނީ ކޮންތާކަށްތޯ؟" މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ނަން ހާމަކުރަން ނޭދޭ ވިޔަފާރިވެރިޔަކު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް މިނޫހަށް ވިދާޅުވީ، ހުޅުމާލެ ފަޅުގައި ބާޖެއް ބާއްވައިގެން "ގަންނާނެއްބާ" ކިޔަމުން އެ ކުންފުނިން ނުހިނގާނެ ކަމަށާއި، އެކަމަކީ ސަފާރީތަކުގެ އެދުމުގެ މަތިން ފޯރުކޮށްދޭން ފަށާ "ޚިދުމަތެއް" ކަމަށެވެ. އަދި އެގޮތަށް ތެޔޮ ވިއްކާނީ ހޯލްސޭލް ރޭޓްގައި ނޫންކަމަށްވެސް ގަސަމް ވިދާޅުވިއެވެ.
ގަސަމް ވިދާޅުވީ، ކުންފުނީގައި ކުރީގައި ހިނގާފައިހުރި ކަންކަމަށް ބަލައި ކަނޑުމަތިން އެއް އުޅަނދުން އަނެއް އުޅަންދަށް ތެޔޮ އެޅުން ހުއްޓާލާފައި އޮތްނަމަވެސް، އަލުން އެ މަސައްކަތް ފެއްޓެވީ މިހާރުގެ ހާލަތަށް ބަލާއިރު އެކަން ކުރެވިދާނެކަމަށް ފެންނާތީ ކަމަށެވެ.
ސަރުކާރުގެ ތެލުގެ މައި ކުންފުނިން މިހާބޮޑަށް ރީޓެއިލް ވިޔަފާރިއަށް ވަނުމުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސުވާލުކުރެއްވުމުން ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ ސަބަބުން މެދު ފަންތިއާއި ކުދި ވިޔަފާރިތަކަށް ހަރަކާތްތެރިވާން ދަތިވާނެކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އަދި އެފްއެެސްއެމްއަކީ ހޯލްސޭލް ކުންފުންޏެއް ނަމަވެސް، އަތޮޅުތެރޭގެ އެކި ރަށްރަށަށް ހާއްޞަ ރޭޓްތަކުގައި ތެޔޮ ފޯރުކޮށްދެނީ "ޚިދުމަތެއްގެ" ގޮތުގައި ކަމަށާއި، އެކަމުން ރައްޔިތުންނަށް ފައިދާ ކުރާނެކަމަށް ގަސަމް ވިދާޅުވިއެވެ.
މިނޫހަށް ލިބިފައިވާ އިތުބާރުހިފޭ މަޢުލޫމާތުތަކަށް ބަލާއިރު، އެފްއެސްއެމްއިން ތެޔޮ ގަނެގެން ތެޔޮ އަޅައިދެމުން އައިސްފައިވާ ބައެއް ކުންފުނިތަކުގެ ކްލަޔަންޓުންނަށް، އެފްއެސްއެމްއިން ފުނަދޫއިން ހޯލްސޭލްކުރާ ރޭޓްގައި ބޮޑެތި ކްރެޑިޓް މުއްދަތުތަކާއެކު އޮފަރކޮށް، އެ ކުންފުނިތަކަށް "ޖެއްސުންކޮށްފައިވާކަން" ހާމަވެއެވެ.
"ރާއްޖއަށް ތެޔޮ އެތެރެކޮށް ވިއްކާ ސަރުކާރުގެ ކުންފުނި އެފްއެސްއެމްއިން، އަޅުގަނޑުމެންގެ ކްލަޔަންޓުންނަށް މި އޮފާކުރަނީ އަޅުގަނޑުމެންނަށް އެފްއެސްއެމްއިން ހޯލްސޭލްކޮށް ވިއްކާ ރޭޓްގައި، 2 މަހަށްވުރެ ގިނަ ދުވަހުގެ ކްރެޑިޓާއެކު ތެޔޮ އަޅައިދޭން. މިވަރުން ދެން ކިހިނެތްތޯ އަޅުގަނޑުމެން ވިޔަފާރި ކުރަނީ؟" ކަންބޮޑުވުން ފާޅުކޮށް މެދުފަންތީގެ ތެޔޮ ކުންފުންޏެއްގެ ވެރިޔަކު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން މިނޫހުން ގަސަމްއާއި ސުވާލުކުރުމުން ވިދާޅުވީ، މިފަދަ ކަމެއް ހިނގާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. މިހެން ވިދާޅުވެ ގަސަމް ވާހަކަފުޅު ދެއްކެވުމުން މެދުފަންތީގެ ތެޔޮ ކުންފުނިތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ގަސަމް ވިދާޅުވީ، އެފަދަ ވިޔަފާރިތަކެއް އޮތްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"މިއީތޯ ކުދި އަދި މެދު ތަންތީގެ ވިޔަފާރިތަކަށް ފުރުޞަތު ދޭތޮތަކީ؟" އެފްއެސްއެމްއިން ރީޓެއިލް ވިޔަފާރި ފުޅާކުރަން ފެށުމާއެކު ކަންބޮޑުވުން ފާޅުކޮށް ތެލުގެ ދާއިރާގައި މަސައްކަތްކުރާތާ އެތައް އަހަރެއްވީ އިތުރު ވިޔަފާރިވެރިޔަކު ވިިދާޅުވިއެވެ.
ކޮވިޑް-19 އާއެކު ކުރި ފުރަބަންދުން ވީއްލުނު ނަމަވެސް، އެއްރަށުން އަނެއް ރަށަށް ދަތުރުކުރަން މަނާކުރިކުުރުން އަދިވެސް ދަމަހައްޓާފައި އޮތުމުން، ތެލުގެ ވިޔަފާރިތަކަށް ހަމަނޭވާ ނުލެވި އުޅެނިކޮށް، ސަރުކާރުގެ ކުންފުނި، އެފްއެސްއެމްއިން އެ ވިޔަފާރިތައް "ފުނޑާލަން" މަސައްކަތް ކުރާކަމުގެ ތުހުމަތުގެ އަޑުތައް ދަނީ ގަދަވަމުންނެވެ. ނަމަވެސް އެ ތުހުމަތުތަައް އެފްއެސްއެމް އިން ދޮގުކުރެއެވެ.
ހިޔާލު
ތަންދޮރު ނުދަންނަ ބުރާއްޗަކައް ތަނެއްގެ ވެރިކަން ލިބުނީމަ އުޅޭގޮތް