އެމްޓީސީސީގެ ޕްރޮޖެކްޓް ސައިޓްތަކުގައި ހުރި ދިވެހީންނަށް ޚާއްސަ ވަޒީފާގެ ފުރުސަތުތައް މިއަދު ޢާއްމުކޮށްފިއެވެ.
އެމްޓީސީސީން ވިދާޅުވީ، މިވަޒީފާތަކުގެ ވޯކް-އިން އިންޓަރވިއުސް 04 މާރޗް 2011 އިން 11 މާރޗް 2021 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، މި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ، ހެވީ ވެހިކަލް އޮޕަރޭޓަރުން، ވެލްޑަރުން، ކާރޕެންޓަރުން، މޭސަނުން، މެކޭނިކުން އަދި އިންޖިނޭރުންކަމަށެވެ.
މިވަޒީފާތަކަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޓްރޭނިންގް ފުރުސަތުތައް ފަހިކޮށްދެވޭނެކަމަށް އެކުންފުނިންގ ވިދާޅުވެފައިވާއިރު، މިވަޒީފާތަކުގެ އެންމެ ކުޑަ އުޖޫރައަކީ 10،000 ރުފިޔާކަމަށްވެސް ވިދާޅުވިއެވެ.
އެމްޓީސީސީއަކީ ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ކުންފުންޏެކެވެ. މިވަގުތުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 50 މަޝްރޫޢު އެބަ ހިނގަމުންދެއެވެ. އަދި 21 މަޝްރޫޢެއް ކުރިއަށްއޮތް ދުވަސްތަކުގާ ފެށިގެންދާނެއެވެ. މީގެތެރެއިން 11 މަޝްރޫއެއްގެ މަސައްކަތް މާރޗްމަހު އެކަނިވެސް ފެށޭނެއެވެ. ކުންފުނީގެ ޕްރޮޖެކްޓް ސައިޓްތަކުގެ ވަޒީފާތަކަކީ ދިވެހިންނަށް އިސްކަންދީގެން ހުޅުވާލާ ފުރުސަތުތަކެކެވެ.
އެމްޓީސީސީން ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުއައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުކުރުންކަމަށެވެ.
އެމްޓީސީސީއަކީ ދިވެހި މުއައްޒަފުންގެ ޙިއްސާ ބޮޑު ކުންފުންޏެކެވެ. ކުންފުނީގައި މިހާރު ވަޒީފާ އަދާކުރާ 2183 މުއައްޒަފުންގެ ތެރޭގައި ގިނައީ ދިވެހި މުއައްޒަފުންނެވެ. ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުއައްޒަފުންގެ ޙިދުމަތެވެ. މެދުކެނޑުމެއްނެތި އެންމެގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަ ޤައިމުވެސް އެމްޓީސީސީ ވާނެއެވެ.
މިއަދު ކުންފުންޏަށް ލިބިފައިވާ ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ޙިދުމަތުގައި ކުންފުނީގެ މުއައްޒަފުން ކުރަމުންގެންދާ އިޙުލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެމްޓީސީސީގެ ރައުސްމާލަކީ ކުންފުނީގެ މުއައްޒަފުންނެވެ. ފަންނުވެރި، ޤާބިލު އެމްޓީސީސީގެ ޓީމަށް ދިވެހި މުއައްޒަފުން ކުރިއަށްއޮތް ތަނުގައިވެސް އިތުރުވެގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. އެމްޓީސީސީގެ ކުރިމަގު އޮތީ ދިވެހި މުއައްޒަފުންގެ އަތްމަތީގައެވެ.