އިނގިރޭސި ޝާހީ އާއިލާ ތެރޭގެ މައްސަލަތަކުގެ ސަބަބުން އަމިއްލައަށް މަރުވާންވެސް އެއްފަހަރަކު ހިތަށް އެރިކަމަށް ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ޑަޗެސް އޮފް ސަސެކްސް، މޭގަން މާކަލް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ މަޝްހޫރު ޓޯކް ޝޯ ހޯސްޓް އޯޕްރާ ވިންފްރޭއަށް ދެއްވި ހާއްސަ އިންޓަވިއުއެއް މޭގަން ވިދާޅުވީ، އާޗީއަށް ބަލިވެ އިންނެވި ދުވަސްވަރު ނަފްސާނީ ހާލަތު ގޯސްވެ، ދިރިހުއްނަން ބޭނުންނުވެ އަމިއްލައަށް މަރުވުމަށްވެސް ވިސްނެވުނު ކަމަށެވެ.
މިކަމުގެ ސަބަބުން ހޮސްޕިޓަލަކުން ފަރުވާ ހޯއްދެވުމާ ބެހޭ ގޮތުން ޝާހީ އާއިލާގެ އިސް މެމްބަރެއްގެ ފަރާތުން މޭގަން ހިޔާލު ހޯއްދެވުމުން އެކަމާ ދެކޮޅަށް ލަފާ އެރުވި ކަމަށްވެސް މޭގަން މި އިންޓަރވިއުގައި ވިދާޅުވެފައި ވެއެވެ.
ޝާހީ އާއިލާއާ ވަކިވެވަޑައިގެން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގެ ލޮސްއެންޖަލަސްގައެވެ.
ގިނަބަޔެއް އެ އިންޓަރވިއުއަކަށް އިންތިޒާރުކުރި މި ދެމަފިރިންގެ އިންޓަރވިއު އިއްޔެ އިއްޔެ ސީބީއެސްއިން ދައްކާފައި ވާއިރު މި އިންޓަރވިއުގައި މި ދެމަފިރިންވަނީ ޝާހީ އާއިލާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ޝާހީ އާއިލާގެ ތެރޭގައި ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށްވެސްވަނީ ތުހުމަތު ކޮށްފައެވެ.




