ދަ ޑޫކް އޮފް އެޑިންބާގް ޕްރިންސް ފިލިޕް ހިތުގެ އާލާސްކަންފުޅަކަށް މަސްދުވަސްވަންދެން ހޮސްޕިޓަލުގައި ފަރުވާދެއްވުމަށްފަހު ދޫކޮށްލައިފިއެވެ.
އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް ސެންޓްރަލް ލަންޑަންގެ ކިންގް އެޑްވާރޑް 7 ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ ފެބުރުއަރީ 16 ވަނަ ދުވަހުއެވެ.
ބަކިންހަމް ޕެލަސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންފެކްޝަނަށް ފަރުވާހޯއްދަވައި އަދި ހިތުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު ޕްރިންސް ފިލިޕް މިހާރު ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށެވެ.
މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރިންސް ފިލިޕް ހޮސްޕިޓަލުން ނިކުމެވަޑައިގެންފައިވަނީ ފުރޮޅުލީ ގޮނޑިކޮޅެއްގައެވެ.
އުމުރުން 99 އަހަރުފުޅުގެ ޕްރިންސް ފިލިޕް މިހާރު ވިންޑްސާ ކާސަލް އަށް ވަޑައިގައްނަވައިފައިވާއިރު ކުއީން އެލިޒަބަތުވެސް ހުއްނެވީ އެ ކާސަލްގައެވެ.
ކުއީން އެލިޒަބަތާއި ޕްރިންސް ފިލިޕް ކައިވެންޏަށް މިހާރުވަނީ 73 އަހަރު ވެފައެވެ.



