މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ކުރިން ހުއްނެވި މުހައްމަދު މަލީހު ޖަމާލް އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ހަރަކާތްތަކާއި ގުޅިވަޑައިގެއްނެވި ކަމުގެ އަޑުތައް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މިގޮތަށް އަޑުއަރައިގެން ގޮސްފައި މިވަނީ އިއްޔެ ފުވައްމުލަކު ސިޓީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ފުވައްމުލަކު ސިޓީ ކެމްޕޭން އޮފީސް ހުޅުވުމުގެ ޖަލްސާގައި މަލީހު ބައިވެރިވެ ވަޑައިގައްނަވާ ފޮޓޯއެއް ދައުރުވަމުންދާން ފެށުމާއި ގުޅިގެންނެވެ.
ޕީޕީއެމް މީޑިއާ ގުރޫޕުން އާންމުކުރި މި ފޮޓޯއިން ފެއްނަނީ ޕީޕީއެމް، ޕީއެންސީގެ އިސްބޭފުޅުންނާއި އަދި ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެ ވަޑައިގައްނަވާ މި ޖަލްސާގެ އިސްސަފުގައި މިބޭފުޅުންނާއެކު ތިއްބަވާ މަންޒަރެވެ. ޑރ. މުހައްމަދު ޖަމީލެކޭ އެއްފަދައިން މަލީހުއަކީވެސް ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގައްނަވާ ބޭފުޅެކެވެ.
މިކަމާއި ގުޅިގެން މަލީހު އަދި ވަކިއެއްޗެއް މީޑިއާއަށް ހާމަކޮށްފައި ނުވާއިރު ރައްޔިތުންގެ މަޖިލީހުން މަލީހުގެ އިތުބާރު ނެއްކަމަށް ފާސްކޮށް މިނިސްޓަރުކަމުން ދުރުކުރުމާއި ގުޅިގެން މީސްމީޑިއާގައި މަލީހު އައްނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މިގޮތުން މީސްމީޑިއާ ޓުވިޓާގައި މަލީހު މިފަހުން ކުރެއްވި ޓުވީޓެއްގައި ސަރުކާރު ކޯލިޝަން ރޯޅިފައިވާކަމަށްވެސްވަނީ ވިދާޅުވެފައެވެ. މަލީހަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.




