ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.
10 މެމްބަރުންގެ ސޮއި އާއެކު މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުންނެވެ. މިމައްސަލަ މަޖިލީހަށް ހުށައަޅާފައިވާކަން އިދިކޮޅު ކޯލިޝަން އިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ. ޕީޕީއެމްއާއި ޕީއެންސީގެ ޖުމުލަ މެމްބަރުންގެ ޢަދަދަކީ 9 މެންބަރުންނެވެ. މިނިސްޓަރ ޒަހާގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، އިދިކޮޅު ފަރާތްތަކާ ބައިވެރިވެފައިވަނީ މަޖިލީހުގެ މިނިވަން ދެ މެމްބަރުންކަމަށްވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ ކޮންމެ ވަޒީރަކާ ޙަވާލުކުރެވޭ މުއައްސަސާގެ ހިންގުމުގެ ޒިއްމާ އުފުލައި، ޖަވާބުދާރީ ވާންވާނެކަމަށް ބަޔާންކުރެވިފައި ވީހިނދު، ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރަމުންދާ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތަކަށް މިސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި، މަސްވެރިންނަށް ދޭންޖެހޭ ޚިދްމަތްތައް ނުދެވި، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިނުދީ، މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދައި، ދިވެހި އިޤްޠިޞާދުގެ ރޫފަހެޔޮ ނުކުރެވި، މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވި، މަސްވެރިކަމަށް ދުނިޔޭގެ ބާޒާރުގައި ލިބެންޖެހޭ ބޮޑު އަގު ދިވެހި މަސްވެރީންނަށް ހޯދައިނުދެވޭތީ ކަމަށް އިދިކޮޅުން ބުނެއެވެ.
އަދި މީގެ އިތުރުން ރާއްޖޭގެކަނޑުތައް ދިވެހި މަސްވެރިންނަށް ޔަޤީންކޮށްދީ، ބޭރުގެ މާކެޓަށް ދިވެހި މަސްވެރިން ވަނުމުގެ ފުރުޞަތު ތަނަވަސްކޮށް، ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓްރީތައް ޤާއިމްކުރުމަކީ މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ބޮޑެތި ވަޢުދުތައް ކަމަށް ވީހިނދު، މި ވަޢުދުތައް ފުއްދުމުން ނުދާތީ ކަމަށްވެސް ބުނެފައިވެއެވެ.
އިދިކޮޅުން އިތުރަށް ބުނެފައިވަނީ، "ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި، ޖާގަ ކުޑަ މަސްފެކްޓަރީ ބޭރުގައި ކިޔު ހަދައިގެން ތިބެންޖެހުން" ނިމުމަކަށް ނާންނާތީއާއި ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން ޢާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަޙައްދުތަކުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ޤާއިމް ނުކުރުމާއި ތެލާއި އައިސް ފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަން ޖެހޭތީވެ، މަސްވެރިންގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާތީއާއި، މަސްވެރިކަމާގުޅޭ ސަރުކާރުގެ ވަޢުދުތައް ނުފުއްދައި، މަސްވެރިކަން ކުރިއެރުވުމުގެ ޒިންމާ މިނިސްޓަރ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު އަދާ ނުކުރެވޭތީއާއި އެކަމަނާ އެ މަޤާމުގައި ހުންނެވުމަކީ ދިވެހި މަސްވެރިންނާއި މަސްވެރި ޢާއިލާތައް އިތުރަށް ނިކަމެތި ވެގެންދާނެ ކަމެއް ކަމަށެވެ.





ހިޔާލު
ހާދަ ރިޖެކުޓް ކަންނެލި ގިނަ އޭ ދޯ