ފޮޓޯ: މަޖިލިސް

ޖާބިރު ޒަހާއަށް އިތުބާރުކުރުމުން، މައްސަލަ މަޖިލީހުން ބޭރު!

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ، ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ކުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަނބުރާ ގެންދެވުމުން އެ މައްސަލަ މަޖިލީހުން ބޭރުވެއްޖެއެވެ.

އިިދިކޮޅުން ޒަހާ ވަކި ކުރަން ހުށަހެޅި މައްސަލާގައި ޖާބިރު ސޮއި އަނބުރާ ގެންދިޔުމުން އެ މައްސަލައިގައި ސޮއިކުރި މެމްބަރުންގެ އަދަދު މިހާރު ވަނީ ނުވަޔަކަށް ވެއްޓިފައެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއި އެކުއެވެ. މިމަހުގެ ދިހަ ވަނަ ދުވަހު އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ކޯލިޝަންގެ 8 މެމްބަރުންނާއި، މިނިވަން ދެ މެމްބަރެއްގެ ސޮޔާއިއެކު އެވެ. މިނިވަން މެމްބަރުންގެ ތެރެއިން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

ޖާބިރު މިއަދު ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރެއްވި ސޮއި އަނބުރާ ގެންދެވިކަން ހާމަކޮށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ އެލިޔުމުގައި އޭނާ ސޮއިކުރެއްވީ، ޒަހާއާ ހަވާލު ކުރައްވާފައިވާ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމާއިއެކު، ދައުލަތުގެ ވަޒީރަކާއި ސަރުކާރުން ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތު އެވަޒީރަކު ފުރިހަމައަށް އަދާނުކުރައްވާ ކަމަށް ފާހަގަ ކުރެވޭތީ، އެ ވަޒީރަކު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމުގައި ދެމިހުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ދެކިގެން ކަމަށެވެ.

އަދި ރޯދަ މަސް ފެށުމުގެ ކުރިން ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމަށާއި އަދި ދަނޑުވެރިންނަށް ވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ މަސްވެރިންނާއި ދަނޑުވެރިންގެ ހައްގުގައި އޭނާ ކުރަމުންދިޔަ މަސައްކަތުގެ ފެނިގެން ދިޔުން ކަމަށް ގަބޫލުކުރައްވާކަމަށާއި، އެހެންކަމުން ޒަހާ އަށް އިތުބާރުކޮށް، މިނިސްޓަރުގެ އިތުބާރު ނެތްކަމަށް އޭނާ ކޮށްފައިވާ ސޮއި އަނބުރާ ނެންގެވީކަމަށްވެސް ޖާބިރު ވިދާޅުވެފައިވެއެވެ.

ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުވެފައިމިވަނީ އެ މައްސަލަ އަށް ޖަވާބުދާރީވުމަށް މަޖިލީހުގެ އިދާރާ އިން އޭނާ އަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ