ފެބުރުވަރީ މަހު މީރާއިން 994.12 މިލިއަން ރުފިޔާ ބަލައިގެންފި

ފެބުރުވަރީ 2021 ގައި މީރާއަށް 994.12 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.

އަދި މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %30.9 ދަށް އަދަދެއްކަމަށް މީރާއިން ބުނެފައިވާއިރު، މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ފެބުރުވަރީ 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ.

މިގޮތުން، ގްރީން ޓެކްސް، ބީ.ޕީ.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެ އިތުރުން، 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ފެބުރުވަރީ 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ފެބުރުވަރީ 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބެކެވެ. މި ފީ ފެބުރުވަރީ 2021 ގައި ލިބިފައެއް ނުވެއެވެ.

ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން ދާތީ، ފެބުރުވަރީ 2021 ގައި ލިބޭނެކަމަށް އަންދާޒާކުރި ވަރަށް ވުރެ އެ މަހުގައި ލިބިފައިވާ އާމްދަނީ %41.2 އިތުރުވެފައިވާކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ ސަބަބަކީ ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް، ޓޫރ ޒަމް ލޭންޑް ރެންޓް، ޖީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވެފައިވުންކަމުގައި މީރާއިން މައުލޫމާތުދެއެވެ.

ފެބުރުވަރީ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %67.7 ނުވަތަ 672.79 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %10.8 ނުވަތަ 107.47 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 63.54 މިލިއަން ރުފިޔާ (%6,4)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 34.08 މިލިއަން ރުފިޔާ (%3.4)، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 33.46 މިލިއަން ރުފިޔާ (%3.4) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 82.77 މިލިއަން ރުފިޔާ (%8.3) ހިމެނެއެވެ.

ފެބުރުވަރީ 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 41.71 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ