ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް ގަތަރާއި، ބަންގްލަދޭޝްއަށް ފުރާވަޑައިގަތުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.
އެގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ގަތަރަށް ފުރާވަޑައިގަންނަން ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ. ދެ ގައުމުގެ ދެމެދުގައި ހާރުޖީ ގުޅުން އަލުން ގާއިމް ކުރެވިގެންދިޔަކަން ފާހަގަކުރެއްވުމަށް ގަތަރަށް ކުރައްވާ މިދަތުރުފުޅަށްފަހު ރައީސް ސޯލިޙް ބަންގްލަދޭޝްއަށް ފުރާވަޑައިގަންނަވާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
Correction:
President will travel onto Bangladesh on the 17th https://t.co/uQgsfQ3vJ2
— Mabrook Azeez (@MvSpokesperson) March 10, 2021
ރައީސް ސޯލިޙް ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅަކީ ބަންގުލަދޭޝްގެ ބާނީ ޝެއިހް މުޖިބުރް ރަހްމާންގެ 100 ވަނަ އުފަން ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ބަންގަލްދޭޝްގެ ބައްޕަގެ ގޮތުގައި ސިފަކުރާ ޝެއިހް މުޖިބުރް ރަހްމާންއަކީ ބަންގަލްދޭޝްގެ ފުރަތަމަ ރައީސެވެ. 1920 ވަނަ އަހަރު އުފަންވި ޝެއިހް މުޖިބުރް ރަހްމާން އަވަހާރަކޮށްލާފައިވަނީ ބަޣާވާތެއްގައެވެ. 1975 ވަނަ އަހަރު ބަންގްލަދޭޝް ހިންގި މިބަޣާވާތުގައި ޝެއިހް މުޖިބުރް ރަހްމާން އަވަހާރަކޮށްލާފައިވާއިރު އުމުރުފުޅަކީ 55 އަހަރެވެ. މި ބަޣާވާތުގައި ޝެއިހް މުޖިބުރް ރަހްމާންގެ މުޅި އާޢިލާ އަވަހާރަކޮށްލާފައިވާއިރު، ސަލާމަތްވެފައިވަނީ ޝެއިހް މުޖިބުރް ރަހްމާންގެ ދެ އަންހެންދަރިންކަމަށްވާ ޝެއިޚް ހަސީނާއާއި ޝެއިޚް ރެހާނާއެވެ.
ރައީސް ސޯލިޙް ބަންގްލަދޭޝްއަށް ފުރާވަޑައިގަންނަވާނީ ޝެއިހް މުޖިބުރް ރަހްމާންގެ އުފަން ދުވަސްކަމަށްވާ މާރޗް 17 ވަނަ ދުވަހުއެވެ.




