ރަޝިއާގައި ޓުވިޓާގެ ސްޕީޑް ދައްކުރަނީ

މީސްމީޑިއާ ވެބްސައިޓު ޓުވިޓާގެ ސުޕީޑު ރަޝިއާގައި ދައްކުރުމަށް އެގައުމުގެ މީޑިއާގެ ކަންތައްތައް ބަލަހައްޓާ އިދާރާއިން ނިންމައިފިއެވެ.

މިގޮތައް ނިންމައިފައިވަނީ ޓުވިޓާއިން ރަޝިއާ އެދުނު 3،000 ޕޯސްޓް ފޮހެލުމަށް ދެކޮޅު ހެދުމާއި ގުޅިގެން ކަމަށް މީޑިއާގެ ކަންތައްތައް ބަލަހައްޓާ އިދާރާއިން މައުލޫމާތު ދެއެވެ.

ރަޝިއާއިން މައުލޫމާތު ދޭގޮތުގައި މި 3،000 ޕޯސްޓަކީ އަމިއްލައަށް މަރުވުމާއި މަސްތުވާތަކެއްޗާއި އަދި ބަރަހަނާ މަންޒަރުތަކާއި ގުޅޭ ޕޯސްޓުތަކެކެވެ. އަދި ޓުވިޓާއާއި ދެކޮޅަށް ފިޔަވަޅު އަޅައިފައިވަނީ ރަޝިއާގެ ރައްޔިތުންގެ ހިމާޔަތުގައި ކަމަށްވެސް އެގައުމުން މައުލޫމާތު ދެއެވެ.

ޓުވިޓާއަކީ ރަޝިއާގެ އިދިކޮޅު ފަރާތްތަކުން ގިނަ އަދަދަކަށް ބޭނުން ކުރަމުން އަންނަ މީސްމީޑިއާ ވެބްސައިޓެކެވެ. ރަޝިއާގައި ޓުވިޓާއަކީ ހަވަނައަށް އެންމެ ގިނަ މީހުން ބޭނުންކުރާ މީސްމީޑިއާ ވެބްސައިޓުކަން ފާހަގަކޮށްލެވެއެވެ.

ރަޝިއާގެ ސަރުކާރާއި ދެކޮޅަށް މިފަހުން އެގައުމުގައި މުޒާހަރާތައް ބާއްވައިފައިވާއިރު ރަޝިއާގެ ސަރުކާރުންވަނީ ޓުވިޓާ، ޓިކްޓޮކް، އަދި ފޭސްބުކަށް މުޒާހަރާއި ގުޅޭ ޕޯސްޓުތައް ފޮހެލުމަށް އަންގައިފައެވެ.

ސަރުކާރުން އެދުނު އެދުމަށް އިޖާބަނުދިން މީސްމީޑިއާ ވެބްސައިޓުތަކާއި ދެކޮޅަށް ދައުވާ ކުރުމަށް މިމަހުގެ ކުރީކޮޅު ރަޝިއާގެ ސަރުކާރުންވަނީ ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ