ދ.މީދޫ - ފޮޓޯ: ގެސްޓްހައުސް މޯލްޑިވްސް

މީދޫގެ ތިން ކައުންސިލަރުން ސަސްޕެންޑް ކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދ. މީދޫގެ ތިން ކައުންސިލަރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފިއެވެ.

އެލްޖީއޭ އިން އެ ތިން ކައުނސިލަރުން ސަސްޕެންޑް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ދިވެހިރާއްޖެ އިދާރީ ދައިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޚާއްސަ ޤާނޫނު 2020 އާއި ކައުންސިލްތައް ހިންގުމުގައި އަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން 3 މަސްދުވަހުގެ މުއްދަތަށެވެ.

މީދޫ ކައުންސިލަރުންނާއި ގުޅޭ ގޮތުން އެލްޖީއޭއަށް ހުށައެޅިފައިވާ ޝަކުވާތަކާއި ގުޅިގެން އެލްޖީއޭގެ ބޯޑުން ހުއްދަ ދީގެން ވަނީ އިންކުއަރީއެއް ހަދާފައެވެ.

އެލްޖީއޭ އިން ވިދާޅުވީ ދ. މީދޫ އިންކުއަރީން ފާހަގަ ކުރެވުނު ކަންކަމުގެ ބަޔާނާ މެދު ޖަވާބުދާރީވުމަށް ރަސްމީ 7  ދުވަހުގެ ފުރުޞަތު ދ. މީދޫ ކައުންސިލުގެ މެންބަރުންނަށް ދީފައިވާނެކަމަށެވެ. ނަމަވެސް، ޖަވާބުދާރީވުމަށް ދިން ފުރުޞަތުގައި، ކައުންސިލުގެ އެއްވެސް މެމްބަރަކު ޖަވާބުދާރީވެފައެއް ނުވެއެވެ.

ދ. މީދޫ ކައުންސިލުގެ އިންކުއަރީން ބަލާފައިވާ މައްސަލަތައް:

  • ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް ކައުންސިލަށް ޤަވާއިދުން ހާޟިރުނުވުން؛
  • ކައުންސިލުގެ އިދާރާ ހުޅުވައި ލެއްޕުމުގައި، އެލް.ޖީ.އޭ.އިން އެކަމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލާ ޚިލާފުވުން؛
  • ކައުންސިލުގެ އާންމު ބައްދަލުވުންތައް ޤަވާއިދުން ނުބޭއްވުން؛
  • ރައްޔިތުންނާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ނުބޭއްވުން؛
  • ތެޔޮ ހަޓާ ގުޅޭ ކަންކަމުގައި ޤަވާޢިދުތަކަށް ޢަމަލުނުކުރުން؛
  • އިޢުލާނުކުރުމެއް ނެތި އަމިއްލަ ފަރާތަކަށް ބިން ދޫކުރުން؛
  • ޤަވާއިދާ ޚިލާފަށް ދ. މީދޫއިން ދަނޑުބިން ދޫކުރުން؛
  • މީދޫ ބަނދަރުގެ މަސައްކަތަށް ދ. މީދޫ ކައުންސިލުން ހުރަސްއެޅުން؛
  • މީދޫއިން ގޯތި ދޫކުރުމުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވުން.

އެލްޖީއޭ އިން ވިދާޅުވީ ގުދަން ހެދުމަށް ވަގުތީގޮތުން ދިން ބިމަކީ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ދޫކޮށްފައިވާ ބިމެއްކަމަށް ބެލެވޭތީ، އެ ބިމާ ގުޅޭ މުޢާމަލާތްތައް ހުއްޓުމަށާއި، އެ ބިމާ ގުޅޭ މަޢުލޫމާތާއި ލިޔެކިޔުން ފޮނުވުމަށް އޮތޯރިޓީން ތަކުރާރުކޮށް މީދޫ ކައުންސިލުގައި ދެންނެވުމުންވެސް، އެއްވެސް ލިޔެކިޔުމެއް ފޮނުވާފައި ނުވާކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅޭގޮތުން އެލްޖީއޭގެ ބޯޑުން ނިންމަވާފައި ވަނީ މީދޫ ކައުންސިލަރުން މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރާކަމަށާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވެ ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފިކަމަށާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަމަށާއި، އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާކަމަށެވެ.

އެހެން ކަމުން ދ. މީދޫ ކައުންސިލުގެ ރައީސް އިޔާސް އިސްމާޢީލް ލަތީފްއާއި ނައިބު ރައީސް ޝުރައިފް އިބްރާހީމް ރަޝީދުއާއި ކައުންސިލަރ މުޙައްމަދު ތައުފީޤު މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް، 2021 މާރިޗު 4 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 3 މަސްދުވަހަށް ސަސްޕެންޑުކުރުމަށް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ސަންޗޯސް2

    ޔަގީން މި ސަރުކާރާ ފިކުރު ތަފާތު ކައުންސިލް އެއް އެހެންވެ ބޭނުންހާ ބިސްމަޅިއެއް ނުހެލުވުނީމަ ބާރުގެ ބޭނުން ކޮއްލަނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ