ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހާރު މާލޭގައި ކުރިޔަށް ގެންދާ މުޒާހަރާ ހުއްޓުވުމުގެ ގޮތުން އެ ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ހައްޔަރުކޮށްފިއެވެ.
އަދުރޭ ހައްޔަރު ކުރީ ހަވީރު 5:40 ހާއިރު ސިނަމާލެ ބްރިޖް ބަލަން އިދިކޮޅު މަޖްލިސް މެންބަރުންނާއެކު ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު ކައިރީ ޕީޕީއެމް ދިދަ ހިފައިގެން ހުއްޓާ އެސްއޯ ފުލުހުން ގޮހެވެ.
އިދިކޮޅުގެ ލީޑަރ ޝިޕް މިހާރު ހުރީ ޕީޕީއެމް އޮފީސް ސަރަހައްދުގައެވެ.
އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި މިހާރު ކުރިޔަށް މުޒާހަރާތަކުގައި މީގެ ކުރިންވެސް އަދުރޭ އައި ކޯލިޝަންގެ އިސްފަރާތްތައް ވަނީ ހައްޔަރު ކޮށްފައެވެ.
އެކޯލިޝަނުން މިއަދުވެސް ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި އިޙްތިޖާޖު ކުރަމުންނެވެ. އެގޮތުން މި އިޙްތިޖާޖުގެ ތެރެއިން އަދުރޭ ހައްޔަރު ކޮށްފައިވާއިރު، މިހާތަނަށް 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ ކޯލިޝަނުން މިއަދުގެ އިހްތިޖާޖު ފެށުމުގެ ކުރިންވެސް ޕީޕީއެމްގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން ޕީޕީއެމް އޮފީހަށް ދެވޭ ހުރިހާ މަގުތަކެއް އާންމުންނަށްވެސް ނުވަދެވޭނެހެން ފުލުހުން ބަންދު ކުރިއެވެ.




