ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމާއި ގުޅިގެން އިޓަލީވިލާތުގެ ބޮޑުބަޔެއް ލޮކްޑައުން ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިގޮތުން އެގައުމުގެ ފިހާރަތަކާ، ރެސްޓޯރެންޓުތަކާ، އަދި ސްކޫލްތައް އަންނަ ހޯމަދުވަހުން ފެށިގެން ބަންދުކުރުމަށް ސަރުކާރުންވަނީ ނިންމައިފައެވެ. އަދި ބޮޑުވަޒީރު މާރިއޯ ޑްރާގީ ވަނީ ކޮވިޑުގެ އާ ރާޅެއްގެ އިންޒާރު ދެއްވައިފައެވެ.
އިޓަލީވިލާތަކީ ކޮވިޑް-19ގެ ސަބަބުން ދުނިޔެއިން އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. މިގޮތުން މީގެއަހަރެއް ކުރިންވެސް މުޅި އިޓަލީވިލާތްވަނީ ލޮކްޑައުންކޮށް މުޅި ގައުމު ހުއްޓުމަކަށް ގެނެސްފައެވެ.
ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިހާތަނަށްވަނީ 100،000 ވުރެ ގިނަ މީހުން މަރުވެފައެވެ. ވިލާތު ބައްރަށް ބަލާއިރު މިއީ ދެވަނައަށް އެންމެ ގިނަ މީހުން މިބަލީގައި މަރުވި ގައުމެވެ. އެންމެ ގިނަ އަދަދަކަށް މިބައްރުން މީހުން މަރުވެފައިވަނީ އިނގިރޭސިވިލާތުންނެވެ.
އިޓަލީވިލާތުގައި އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށައިފައިވާއިރު ކޮވިޑް-19 ވެކްސިން ކެމްޕެއިންވެސްވަނީ އެގައުމުގައި މަޑުޖެހިފައެވެ. ވެކްސިން ދިން ބަޔެއް މީހުންނަށް ދިމާވި ސިއްހީ މައްސަލަތަކާއި ގުޅިގެން ވެކްސިން ދިނުން މަޑުޖެހިފައިވާއިރު ވިލާތުގެ ގިނަ ގައުމުތަކެއްގައި އައްނަނީ މިމައްސަލަ ދިމާވަމުންނެވެ.
އިޓަލީވިލާތުގައި ވޭތުވެދިޔަ ހަ ހަފުތާ ތެރޭ ކޭސްތައް ދިޔައީ އިތުރުވަމުންނެވެ. ދުވާލަކު އެވްރެޖްކޮށް 25،000 މީހުން ޕޮޒިޓިވުވެފައި ވެއެވެ.




