ވާދޫގައި ފަންވިއްކުމުގެ ތެރެއިން - ފޮޓޯ: އިއްބޭސް ފޮޓޯގްރަފީ

ވާދޫ އަންހެނުން ފަންވިއްކައިގެން 200000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ރ. ވާދޫގައި މިއަދު 4000 އަށްވުރެ ގިނަ ފަންބޮނޑި ވިއްކައި، ދެލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ވާދޫ އަކީ އާބާދީގައި ގާތްގަނޑަކަށް 620 ވަރަކަށް މީހުން ދިރިއުޅޭ ސުލްޙަވެރި އަމާން ވެއްޓެއްކެވެ. ވާދޫއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅެމުން އަންނަ ސާފުތާރީޚް ރަށެއްގެ ގޮތުގައި މުޅި ރާއްޖެއިންވެސް ފާހަގަ ކޮށްލެވޭ ރަށެކެވެ.

މީގެ އިތުރުން ވާދޫ އަކީ ރާއްޖޭގެ އެހެން ހުރިހާ ރަށްތަކާ އަޅާ ބަލާއިރުވެސް އަންހެން ވެރިން ވަރަށް މުރާލި ރަށެއްގެ ގޮތުގައި ފާހަގަ ކުރެވޭ ރަށެކެވެ.

އެގޮތުން ފަން ވިނުމަކީ ވާދޫގެ އަންހެން ވެރިންގެ މައިގަނޑު މަސައްކަތަށް ވާއިރު، ގާތްގަނޑަކަށް ވާދޫގެ %95 އަންހެން ވެރިން ފަންވިނުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ވާދޫ ކައުންސިލްގެ ރައީސް ޙުސައިން ޢަލީ ވިދާޅުވިއެވެ.

ވާދޫގައި ފަންވިއްކުމުގެ ތެރެއިން - ފޮޓޯ: އިއްބޭސް ފޮޓޯގްރަފީ

ފަންވިނުމުގެ މަސައްކަތުގެ ތެރެއިން ފަންހޮވުމުގެ މަސައްކަތްތައްވެސް ވާދޫގެ އަންހެން ވެރިން ކުރިޔަށްގެންދަނީ ވަރަށް ތަރުތީބުކޮށްކަމުގައި ޙުސައިން ޢަލީ ވަނީ ވިދާޅުވެފައެވެ.

"ހަމަ ބޭނުންހާ އިރަކު ބޭނުންހާ ވަރަކަށް ވަލަށްވަދެ ފަންހޮވާ ކަންތައްތަކެއްވެސް ނޯންނާނެ" ޙުސައިން ޢަލީ ވިދާޅުވިއެވެ. ޙުސައިން ޢަލީ ވިދާޅުވީ ފަންހޮވަން ވަންނާނީ އޮފީހުން އެންގުމުން ކަމަށާއި، އަދި ވަކި ގަޑިއެއްގައި ފަންހޮވައިގެން ނިކުންނާނެކަމަށެވެ.

"މަސައްކަތްތެރިކަމަށް ބަލާއިރު ވަރަށް މުރާލި ބަޔަކު ދިރިއުޅޭ ރަށެކޭ" ވާދޫގެ ރައްޔިތުންނަށް އިޝާރާތް ކުރައްވައި ޙުސައިން ޢަލީ ވިދާޅުވިއެވެ.

ޙުސައިން ޢަލީ ވިދާޅުވީ އާންމުކޮށް ވާދޫގައި ފަން ވިއްކާނީ ބޮނޑިއެއް 80 އަށްކަމަށާއި، އެއަށް ވުރެ ދަށްކޮށް ފަންގަންނަން ބަޔަކު އައިކަމުގައިވީނަމަވެސް ވާދޫ މީހުން ފަން ވަރަށް ނުވިއްކާނެކަމަށެވެ. ނަމަވެސް މިފަހަރު ފަންވިއްކާފައި ވަނީ ކޮވިޑްއާއި ގުޅިގެން ވަރަށް ގިނަ ދުވަސް ވަންދެން ފަން ގަންނާނެ ބަޔަކު ނުވެ ފަން ނުވިކިފަ ހުއްޓައެވެ. މިފަހަރު 4000 އަށްވުރެ ގިނަ ފަންބޮނޑި އެރަށުން ވިއްކާފައިވާއިރު ފަންވިއްކާފައި ވަނީ 50 ރުފިޔާއަށެވެ.

ވާދޫގައި ފަންވިއްކުމުގެ ތެރެއިން - ފޮޓޯ: އިއްބޭސް ފޮޓޯގްރަފީ

ޙުސައިން ޢަލީ ސިފަ ކުރެއްވި ގޮތުގައި މިފަހަރު ވާދޫ އަންހެން ވެރިން ފަންވިއްކާފައި ވަނީ ވަރަށް ބޮޑު ނުއަގުގައި ކަމަށެވެ.

"ވަރަށް ނުއަގުގައި އެމީހުން ފަންވިއްކީ" ޙުސައިން ޢަލީ ވިދާޅުވިއެވެ.

ޙުސައިން ޢަލީ ވިދާޅުވީ އެހާ ބޮޑު ނުއަގެއްގައި ފަން ވިއްކާފައި ވަނީ ކޮވިޑްއާއި ގުޅިގެން ރައްޔިތުން ވަރަށް ބޮޑަށް އަތްމަތި ދަތިވެފަ ހުރުމާއި، އަދި ރޯދަ ކައިރިވެފައިވެސް ހުރުމާއެކުއެވެ.

މިލިޔުން ކިޔާލުމުން
432
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ