ވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށް މިނިސްޓްރީ އޮފް ޑިފެންސް އިން ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ކަމަށް ބުނެ މިއަދު ކުރީގެ ޑިފެންސް މިނިސްޓަރ އުމަރު ނަސީރު ވަނީ ލިޔެކިޔުންތަކެއް މީސްމީޑީއާގައި ދައުރުކޮށްފައެވެ. މި ލިޔެކިޔުންތަކުގައި ބުނެފައިވަނީ، އިންޑިއާ ސިފައިންނަށް ރާއްޖޭގައި ހަތިޔާރާއެކު އުޅެވޭނެ ކަމަށެވެ.
މިިކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިޔުމަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.
މިނިސްޓްރީން ވިދާޅުވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާކަމަށެވެ.
ތުރުތިލަފަޅުގައި ބަނދަރަކާއި ޒަމާނީ ނޭވަލް ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއިއެކު ޑިފެންސް މިނިސްޓްރީއިން ސޮއިކުރީ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އަދި މި ކޯސްޓްގާޑުގެ ބަނދަރުގައި އިންޑިއާ ސިފައިންގެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށް ގައުމީ ދިފާއީ ބާރުން ވަނީ ބުނެފައެވެ.




