ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުންތައް އުވާލައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން ކުރީ ސަރުކާރުން ބޭނުންވިނަމަވެސް އެކަން އެގޮތަށް ކުރެވޭނެކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެމްއެމްއެންޑީއެފްގެ އިސް ޖެނެރަލުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ދިވެހި ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެލިކޮޕްޓަރު އެއްބަސްވުމާއި އިންޑިއާ ސިފައިން ތިބުމުގެ ހުއްދަ އެއްވެސް ސަބަބަކާއި ހުރެ ބާތިލް ނުކުރެވޭނެކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.
ޝަމާލް ވިދާޅުވީ ރާއްޖެއަކީ މިނިވަން ދައުލަތެއްކަމަށާއި އެއްވެސް ބޭރުގެ ބަޔަކު ރާއްޖޭގައި ބައިތިއްބައިން ދިވެހި ސަރުކާރުން ކުރިންވެސް އަދި މިހާރުވެސް ބޭނުންނުވާނަމަ އެކަން އެގޮތަށް ނުވާނެކަމަށެވެ. އަދި ކުރީ ސަރުކާރުން ކެރިގެން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުން އުވާލެއްވުމަށް މަސައްކަތްކުރެއްވިނަމަ އެކަންވާނެކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
އެހެންކަމުން ރާއްޖެއާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އޮތް ހެލިކޮޕްޓަރާއި ސިފައިން ފޮނުވާނުލެވުނީކަމަށް ޤަބޫލުނުކުރައްވާކަމަށް ޝަމާލް ވިދާޅުވިއެވެ.
"އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި އޭރުވެސް ކެރިގެން ނުކުންނެވިނަމަ ހެލިކޮޕްޓަރު އެގްރީމަންޓު ބާތިލް ކުރެވުނީސް އަދި މިއަދުވެސް ކުރެވުނީސް. މިއީ ސޮވްރިން ދައުލަތެއް. މިއީ މިނިވަން ދައުލަތެއް. ކޮންމެ ޤައުމަކާއެކު ވެފައިވާ އެއްބަސްވުމަކަސް ކެރިގެން ނުކުންނެވިނަމަ ބާތިލް ނުކުރެވޭނެ. އެހެންކަމުން އަޅުގަނޑު ޤަބޫލެއްނުކުރަން މިނުކުރެވުނީކަމަކަށް. ދާށޭ ބުނީމަ ނުދިޔައީކަމަކަށް" ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރެވުނު މަސައްކަތާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ދެކެވަޑައިގެންފައި ނުވާކަމަށެވެ.




