އައްޑޫ ސިޓީ ލިންކް ރޯޑުގައި މިއަަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ސ. ހިތަދޫ ސަންރީފް / ފާތުމަތު އަސްމާއެވެ.
އެ އަންހެން މީހާ އެކްސިޑެންޓް ވެފައިވަނީ ސައިކަލަކުން ވެއްޓިއެވެ. އޭނާ ނިޔާވީ ވަނީ މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުއެވެ.
ހަންކެޑެ ހިސާބުގައި ހިނގި މި އެކްސިޑެންޓްގައި އެ އަންހެން މީހާގެ ބޯ ފެޅައިގެން ގޮސް އެތެރެއަށް ލޭ އެޅިފައިވާއިރު އޭނާގެ ކޮނޑާއި މޭ ކަށިގަނޑަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ އެ އަންހެން މީހާ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލަށް އޭނަގެ ދަރިފުޅު ލުމަށްފަހު އެނބުރި ދިޔަ މަގުމަތީގައެވެ.
މިއަދުގެ އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވި އިރު، މީގެ ދުވަސް ކޮޅެއް ކުރިން ވަނީ ފުވައްމުލައް ސިޓީގައި ކާރެއް އެކްސިޑެންޓްވެ އެކާރުގައި ތިބި ދެ ޒުވާނަކު ނިޔާވެފައެވެ. މީގެ އިތުރުން މިދިޔަ އަދިއްތަ ދުވަހު ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ އަންހެނަކަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.




