އަސްކަރީ ބަގާވާތެއް ގެނެސް ވެރިކަން ބަދަލުކޮށްފައިވާ މިޔަންމާއިން ބުރިޓިޝް ބްރޯޑްކާސްޓިން ސެންޓަރ (ބީބީސީ)ގެ ނޫސްވެރިއަކު ހައްޔަރުކޮށްފިއެވެ.
ބީބީސީ ބަރްމީސް ސާރވިސްގައި މަސައްކަތްކުރާ މި ނޫސްވެރިއާ ހައްޔަރުކޮށްފައިވަނީ މިޔަންމާގެ ވެރިރަށް ނޭޕީޓޯގެ ކޯޓެއްގެ ބޭރުގައި ޚަބަރެއް ރިޕޯޓުކުރަން ހުއްޓައި އާދައިގެ ހެދުމުގައި އައި ބަޔެކެވެ.
މިމައްސަލައިގައި ބީބީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިއާ ހައްޔަރުކުރި މައްސަލައިގައި ވަރަށް ބޮޑަށް ކަނބޮޑުވާ ކަމަށާއި ނޫސްވެރިއާ ހައްޔަރުކޮށްފައި ވީތަނެއް އަންގައި ދިނުމަށް އެދޭކަމަށެވެ.
މަންޒަރުދުށްފަރާތްތަކާއި ހަވާލާދީ ބީބީސީ އިން ބުނެފައިވަނީ، ނޫސްވެރިއާ ހައްޔަރުކުރި މީހުން އައިސްފައިވަނީ ވަކި ލޭބަލެއްނެތް ވޭނެއްގައި ކަމަށާއި ނޫސްވެރިއާއެކު އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ މިޔަންމާގެ ނޫހަކަށް ނިސްބަތްވާ ނޫސްވެރިއަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތާއި ގުޅިގެން އެގައުމުގެ އަސްކަރިއްޔާއާއި ދެކޮޅަށް އާންމު ރައްޔިތުންދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް އަސްކަރިއްޔާއިން ލައިވް ވަޒަން ބޭނުން ކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކުވަނީ މިހާތަނަށް މަރުވެފައެވެ.



