މިޔަންމާގެ އަސްކަރިއްޔާއާއި ބަގާވާތާއި ދެކޮޅު ހަނގުރާމަވެރިންނާއި ދެމެދު ކުރިމަތިލުމެއް ހިނގައިފިއެވެ.
މި ކުރިމަތިލުން ހިނގައިފައިވަނީ، މިޔަންމާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ މަންޑަލޭގައެވެ. މިއީ މިޔަންމާއަށް ފެބުރުއަރީމަހު ގެނެވުނު އަސްކަރީ ބަގާވާތާއި ދެކޮޅު ހަނގުރާމަވެރިންނާއި އަސްކަރިއްޔާއިން މިފަދަ ބޮޑު ސިޓީއެއްގައި ކުރިމަތިލުމަކަށް ދިޔަ ފުރަތަމަ ފަހަރެވެ.
މީގެކުރިން މިޔަންމާގައި އަސްކަރީ ބަގާވާތާއި ދެކޮޅަށް ކުރެވުނު މުޒާހަރާތައް އަސްކަރިއްޔާއިންވަނީ ބާރުގެ ބޭނުން ކޮށްގެން ހުއްޓުވައިފައެވެ. މި މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް އަސްކަރިއްޔާއިން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން އެތައްސަތޭކަ މުޒާހަރާގެ ބައިވެރިންވަނީ މަރުވެފައެވެ. މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ލޯކަލް ރިޕޯޓްތައް ބުނާގޮތުން މިއަދުގެ ކުރިމަތިލުން ހިނގައިފައިވަނީ، އަސްކަރިއްޔާއިން ބޯޑިން ސްކޫލްއެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ސްކޫލަކީ ހަނގުރާމަވެރިން ބޭސްއެއްގެ ގޮތުގައި ބޭނުންކުރާ ސްކޫލެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ކުރިމަތިލުމަށްފަހު މިޔަންމާގެ އަސްކަރިއްޔާއިން ބުނީ، ހަނގުރާމަވެރިންނާއި އަސްކަރިއްޔާއާއި ދެމެދު ކުރިމަތިލުމެއް ހިނގައިފައިވާ ކަމަށާއި މި ކުރިމަތިލުމުގައި ހަތަރު ހަނގުރާމަވެރިން މަރުވެ އަށްމީހުން ހައްޔަރުކޮށްފައިވާކަމަށެވެ. މީގެއިތުރުން ސިފައިންގެ ތެރެއިންވެސް ބަޔެއް މީހުންނަށް އެކިވަރުގެ އަނިޔާތައްވެސް ލިބިފައިވާ ކަމަށެވެ.



