ކޮވިޑް ޖެހިފައިވާ ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސްގެ ހާއްސަ މެސެޖެއް!

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއިގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަފައި ވެއެވެ. އަދި މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކޮވިޑް-19 ޕެންޑަމިކް އިން އަރައިގަތުމަށް އަމާޒުހިފައިގެން ކުރަމުންގެންދާ މަސައްކަތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޕާކިސްތާނާއި ރާއްޖޭގެ ރަހުމަތްތެރި ގުޅުން އެގޮތުގައި ދެމި އޮންނާނެކަމަށާއި އަދި ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނަށް ކޮވިޑް-19 ޖެހިފައިވާއިރު ކޮވިޑް-19އިގެ ވެކްސިންގެ ފުރަތަމަ ޑޯޒް އިމްރާން ޚާން ޖައްސަވާފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ