ކަރަންޓީނުގައި ތިބޭ ބައެއް މީހުން އުޞޫލާއި ޚިލާފުވާކަމުގެ ޝަކުވާތަކާއި ގުޅިގެން، އެފަދަ ގޭގެއާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހދ. ކުރިނބީ ކައުންސިލުން ދީފިއެވެ.
ކުރިނބީ ކައުންސިލްގެ ނައިބު ރައީސް ޢަބްދުލްފައްތާޙު އަބޫބަކުރު ވިދާޅުވީ، މިފަހަކަށް އައިސް ކަރަންޓީނުގައި ތިބޭ މީހުން އުޞޫލާއި ޚިލާފުވާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށާއި، ރަށުގައި ކަރަންޓީނުގައި ތިބޭ މީހުންނާއި ވާހަކަ ދައްކަން މާސްކު ނާޅައި ކައިރީގައި ރަށުގެ އެހެން ފަރާތްތަކުން ތިބޭކަން ފާހަގަކުރެވޭކަމަށެވެ.
އަަދި މިފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށް ފައްތާޙު ވިދާޅުވީ، ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި ވާހަކަ ދައްކަން ބޭނުންވާނަމަ ފޯން މެދުވެރިކޮށް ވާހަކަ ދެއްކުން އެދޭކަމަށެވެ.
"ރޫމް ކަަރަންޓީނުގައި ތިބޭ ފަރާތްތަކުން ރޫމުން ނުކުތުމާއި، ހޯމް ކަރަންޓީނުގައި މީހުންް ތިބޭ ގޭގެއަށް އިތުރު މީހުން ވަަދެ ނުކުމެ ހެދުމަކީ މަނާކަމެއް." ފައްތާޙު ވިދާޅުވިއެވެ.
އަދި ކަރަންޓީނު ވުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލްތަކެއް އެޗްޕީއޭއިން އާންމުކޮށްފައިވާކަމަށާއި، އެ އުޞޫލާއި ޚިލާފުވާ ގެތަށް ކުރިއަށް އޮތްތަނުގައި ކަރަންޓީނަށް ދޫނުކުރެވޭނެކަމުގެ އިންޒާރުވެސް ފައްތާޙުވަނީ ދެއްވާފައެވެ.
ނައިބު ރައީސް ޢަބްދުލްފައްތާޙު މިހެން ވިދާޅުވެފައިވާއިރު، ކުރިނބީގައި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް މިދިޔަ އަންގާރަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނު މުއްދަތު ހަމަކޮށް ނެގި ސާމްޕަލްއިންނެވެ.
މިގޮތަށް ފަރުދީ ޒިންމާ ނުނަގައި، ކަރަންޓީނު ޢުޞޫލާއި ޚިލާފުވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަށުގައި ކޮވިޑު-19 ވަނީ ފެތުރިފައެވެ.