ގއ. ވިލިނގިލި ބޭރުން ދަރުތު ކުރަމުން ދިޔަ ޔޮޓެއް އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައި ވަނީ މިއަދު މެންދުރު ފަހު 2:54 ހާއިރުކަމަށެވެ. އިންޖީނު ހުއްޓިފައިވަނީ ގއ. ވިލިނގިލި އިރުން 25 މޭލު ބޭރުން ދަތުރު ކުރަމުން ދިޔަ ޔޮޓެކެވެ.
އިންޖީނު ހުއްޓުނު އިރު މި ޔޮޓްގައި ބޭރު ދެ މީހުން ތިބިކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސައުތް އޭރިޔާ ކޯސްޓްގާޑް ސްކޮޑް އިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ޔޮޓް އޮޔާދާ އޭރިޔާ ބަލަމުން، އެސަރަހައްދަށް ދިއުމަށް ދަތުރު ކުރަމުންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މޫސުން ގޯސްވުމާއި ކަނޑު ގަދަވުމުގެ ސަބަބުން ކޮސްޓްގާޑް ލޯންޗްއަށް އެ ޔޮޓް އޮތް ސަރަހައްދަށް ފޯރާނެކަމަށް ލަފާ ކުރެވެނީ މިރޭ 10:30 ހާއިރުކަމަށެވެ.
މޫސުން ގޯސްވެ އެ ސަރަހައްދަށް މިއަދު ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ. މީގެ އިތުރުން ކަނޑުމަތީގެ ނުރައްކާތެރި އެހެން ހާދިސާތަކެއްވެސް މިއަދު ވަނީ ހިންގާފައެވެ.




