ފޮޓޯ: އެމްއެންޑީއެފް

އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ބޮޑެތި ޤައުމުތަކާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުން: މާރިޔާ

ސިފައިންގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށްޓަކައި، ރާއްޖެއިން ދަނީ އަސްކަރީގޮތުން ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިގޮތަށް ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ "މިނިސްޓަރުގެ ގަލަންކޮޅުން'' ގައެވެ.

ރާއްޖެ ހިމެނޭ ޞަރަޙައްދަކީ ކަނޑުފޭރުމާއި ނިރުބަވެރިކަން ފަދަ ތަފާތު ނުރައްކާތަކާ ކުރިމަތިލާންޖެހިފައިވާ، ހަލަބޮލި ސަރަޙައްދަކަށްވާއިރު، ރާއްޖެ ހިމެނޭ މިސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރާއްޖެއިން ދަނީ އަސްކަރީގޮތުން ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ސިފައިންގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށްޓަކައި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގެ އިތުރުން، ޓެކްނިކަލް އެހީއާއި އާލާތްތައްވެސް ހޯދަމުން ދާކަމަށެވެ.

އެގޮތުން، ކޯވިޑް- 19 ގެ މި ދަތިއުނދަގޫ ހާލަތުގައިވެސް ދާދިފަހުން، އެމެރިކާގެ ސެކިއުރިޓީ ފޯރސަސް ބްރިގޭޑް "އެސްއެފްބީއޭ 5"ގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ މާފިލާފުށީގައި "ބްލެކް މާލިން"ގެ ނަމުގައި އެއް މަސްދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކީ ނިއްމާލާފައިވާކަމަށް މާރިޔާ ހިއްސާކުރިއެވެ.

"މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޔޫއެސް އާމީ ޕެސިފިކްގެ ޑެޕިއުޓީ ކޮމާންޑިންގ ޖެނެރަލް މޭޖަރ ޖެނެރަލް ޑޭން މެކްޑޭނިއަލް ދެއްވި އިރުޝާދާއި އެއްބާރުލުން ޝުކުރާއެކީ ފާހަގަކުރަމެވެ." ލިޔުމުގައި މާރިޔާ ހިއްސާކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ އަވަސް ތަރައްޤީ އާއި ހެޔޮ ބަދަލުތަކުގެ ތެރެއިން ދިވެހި ސިފައިން ހޯދާފައިވާ ކުރިއެރުންތައް މިއަދު ވަނީ ގިނަކުރެވިފައި ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ