ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ސަަރުކާރު ތަމްސީލު ކުރާ މައި ޕާޓީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ޕޯސްޓުތަކެއް ހިއްސާކޮށްފިއެވެ.
މިކަމާއި ގުޅިގެން ރަށުގެ ގިނަ ބަޔަކު ފާޑުކިޔާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އެ ޕޯސްޓުތައް މިހާރު ވަނީ އެ ފޭސްބުކް އަކައުންޓުން ނަގައިފައެވެ.
ނަމަވެސް އެ ޕޯސްޓުތަކުގެ ސްކްރީންޝޮޓްތައް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ. އެގޮތުން އޭގެން ޕޯސްޓެއްގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ އާތިފުގެ ކެމްޕެއިން ލަވައިގެ ބަޔަކާއެކު، އެ ސިޓީގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީން ހިންގި ކެމްޕެއިން ހަރަކާތްތަކުގެ ފޮޓޯ އެ ހޮސްޕިޓަލުގެ ފޭސްބުކް އެކައުންޓުން ހިއްސާކޮށްފައިވާ ސްކްރީންޝޮޓެއް އަންނަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން ހޮސްޕިޓަލުން ވަކި އެއްޗެއް އަދި ބުނެފައިނުވާއިރު، އެ ޕޯސްޓުތައް މިހާރު ވަނީ ނަގައިފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މިއީ އޮޅުމަކުން ހިއްސާ ކުރެވުނު ޕޯސްޓުތަކެއް ކަމަށް ބެލެވެއެވެ.




