ޖަލަށްލައި ބަންދުކޮށްފައިވާ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.
ނަވަލްނީ އޭނާގެ އިންސްޓަގުރާމް އެކައުންޓުގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަންފެށީ އޭނާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ޖަލުން ފޯރުކޮށް ނުދޭތީ ކަމަށެވެ.
މިގޮތުން، ބުރިކައްޓާއި ދެފައިގައި ރިއްސާ ރިއްސުމަށް ޖަލު ބަލަހައްޓާ ފަރާތްތަކުގެ ކިބައިން ބޭސް ނުލިބޭ ކަމަށާއި އަދި ޑޮކްޓަރެއް ގެނައުމުގެ ހުއްދަވެސް ނުދޭކަމަށް ނަވަލްނީ އޭނާގެ އިންސްޓަގުރާމް އެކައުންޓުގައި ހާމަކޮށްފައި ވެއެވެ.
މީގެއިތުރުން ނަވަލްނީވަނީ ޖަލު ބަލަހައްޓާ ފަރާތްތަކުން ރޭގަނޑު ގަޑިޔަކު އެއްފަހަރު ކަހަލަ ގޮތަށް އޭނާ ބަންދުކޮށްފައި އޮއްނަތަނަށް އައްނަ ކަމަށާއި މިކަމުގެ ސަބަބުން ނިންޖައް ޖެހޭކަންވެސް ފާހަގަކޮށްފައެވެ. އަދި މިއީ ގަސްތުގައި އޭނާ ނިދިން މަހުރޫމުކޮށް ގޯނާކުރުމަށް ކުރާކަމެއްގެ ގޮތުގައިވެސް ފާހަގަ ކޮށްފައި ވެއެވެ.
ނަވަލްނީގެ މިވާހަކަތަކަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު މިދިޔަ ހަފްތާގައި ޕްރިޒަން ސާވިސް އިންް ނަވަލްނީގެ ހާލަތު ބެލުމަށްފަހު ބުނެފައިވަނީ، ނަވަލްނީގެ ސިއްހީ ހާލަތު ރަނގަޅު ކަމަށެވެ.
އުމުރުން 44 އަހަރުގެ ނަވަލްނީ ރަޝިއާއިން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ17 ވަނަ ދުވަހުއެވެ. ނަވަލްނީ ހައްޔަރުކުރުމަށްފަހު ރަޝިއާގެ ޕްރިޒަން ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިދިކޮޅު ލީޑަރު ނަވަލްނީއަކީ ތަފާތު ތުހުމަތުތަކާ ގުޅިގެން، ޑިސެމްބަރު 29، 2020 އިން ފެށިގެން ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށެވެ. އަދި ކޯޓުން ގޮތެއް ނިންމަންދެން އޭނާ ބަންދުގައި ބަހައްޓާނެ ކަމަށް ވަނީ ބުނެފައެވެ.