އިންޑިއާއިން ހަކުރު އެތެރެކުރުމުގެ ހުއްދަ ޕާކިސްތާނުން ދީފި

ގާތްގަނޑަކަށް ދެއަހަރު ދުވަހަށްފަހު އިންޑިއާއިން ހަކުރު އެތެރެކުރުމުގެ ހުއްދަ ޕާކިސްތާނުން ދީފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ވާހަކަފުޅުދައްކަވަމުން ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރ ހަމަދް އަޒްހަރު ވިދާޅުވީ، 500،000 ޓަނުގެ ހުދު ހަކުރު އިންޑިއާއިން އެތެރެކުރުމުގެ ހުއްދަދީފައިވާ ކަމަށެވެ. އަދި މިހުއްދަދިނީ ޕާކިސްތާނުގައި މިހާރު މައްޗަށްދާ ހަކުރުގެ އަގު ކޮންޓުރޯލް ކުރުމަށްޓަކައި ކަމަށެވެ.

"އަވަށްޓެރި އިންޑިއާގައި ހަކުރުގެ އަގު ޕާކިސްތާނަށްވުރެ މާ ހެޔޮ، މިހެންކަމުން އަޅުގަނޑުމެން މިހާރު ނިންމައިފައިވާނީ ހަކުރުގެ ވިޔަފާރި އިންޑިއާއެކު ކުރުމަށް މިގޮތުން 500،000 ޓަނުގެ ހަކުރު އިންޑިއާއިން ޕާކިސްތާނަށް އެތެރެކުރެވޭނެ" ފިނޭންސް މިނިސްޓަރ ހަމަދް އަޒްހަރު ވިދާޅުވިއެވެ.

ޕާކިސްތާނުން ގާތްގަނޑަކަށް ދެއަހަރު ދުވަހަށް އިންޑިއާއިން ހަކުރު ގެނައުން ހުއްޓާލައިފައި އޮތް އޮތުމަށް ނިމުމެއް ގެއްނަން ނިންމައިފައި މިވަނީ ދެގައުމުގެ ބޮޑުވަޒީރުން މިދިޔަ ހަފްތާގެ ތެރޭ ސިޓީބަދަލު ކުރުމަށްފަހުއެވެ. މަޝްރަހު ދިރާސާކުރައްވާ ފަރާތްތަކުން ދެކޭގޮތުގައި ޒަމާންވީ ދެހަތުރުންގެ ގުޅުން މިހާރުވަނީ ވަރަށް ބޮޑުތަން ރަނގަޅުވެ ބަދަހި ވެފައެވެ.

މިހާތަނަށް ޕާކިސްތާނުން އިންޑިއާއިން ހަކުރު ގެނައުމަށް ނިންމައިފައި ވީނަމަވެސް ކުރިއަށް އޮތްތާ އިންޑިއާއިން އެހެނިހެން މުދާތައް ގެނައުމަށްވެސްދަނީ ވާހަކަދެކެވެމުންނެވެ. މިގޮތުން ދެން އެންމެ އަވަހަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ކަފަ ގެނައުމަށެވެ. މިގޮތުން ޖޫންމަސް ނިމުމުގެ ކުރިން މިހުއްދަވެސް ދޭނެކަމަށް ބެލެވެއެވެ.

ދެގައުމުގެ ގުޅުން ބަދަހިވާން ފަށައިފައި މިވަނީ 2019 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ހިނގި ހަމަނުޖެހުން ތަކަށްފަހުއެވެ. 2019 ވަނަ އަހަރުގެ ފެބުރުއަރީމަހު ކަޝްމީރުގެ ހަނގުރާމަވެރިން އިންޑިއާ ސިފައިންނަށްދިން ހަމަލާއެއްގެ މައްސަލައިގައި އިންޑިއާއިންވަނީ ޕާކިސްތާނަށް ހަމަލާދީފައެވެ. އަދި ރައްދުގައި ޕާކިސްތާނުންވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައި ކެޕްޓަން ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ