އިންޑިއާގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް އިތުރުވެ އެގައުމުގެ ސިއްހީ ނިޒާމަށް ބާރު ބޮޑުވެފައިވާ މިދަނޑިވަޅުގައި އެގައުމަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުރިކަން އަވައްޓެރި ޕާކިސްތާނުގެ އެހީދޭ ޖަމާއަތަކުން ބުނެފިއެވެ.
ޕާކިސްތާނުގައި ހިލޭ ސާބަހަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ އީދީ ފައުންޑޭޝަނުން ބުނީ، އެމްބިއުލާންސާއި ސިއްހީ މަސައްކަތްތެރީން އިންޑިއާއަށް ފޮނުވުމަށް އެ ފައުންޑޭޝަނުން ތައްޔާރަށް އޮތް ކަމަށާއި މިވާހަކަ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސިޓީފުޅަކުން ދައްނަވައިފައިވާނޭ ކަމަށެވެ.
އީދީ ފައުންޑޭޝަންގެ މެނޭޖިން ޓްރަސްޓީ ފައިސަލް އީދީ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، 50 އެމްބިއުލާންސާއި ސިއްހީ މަސައްކަތްތެރީން އިންޑިއާއަށް ފޮނުވުމަށް ތައްޔީރީގައި އޮތްކަން ބަޔާންކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސިޓީފުޅެއް މިއަދު ފޮނުވައިފައިވާނޭ ކަމަށެވެ.
އިންޑިއާއަށް ކޮވިޑް-19ގެ އާ ރާޅެއްގެ އަސަރުކޮށް ރެކޯޑު އަދަދަކަށް ކޮވިޑް-19 އަށް މީހުން އަންނަނީ ޕޮޒިޓިވުވެ އަދި ރިކޯޑު އަދަދަކަށް މީހުން އަންނަނީ މަރުވަމުންނެވެ. މީގެއިތުރުން ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވުމާއި ބަލިމީހުން ބާއްވައިގެން ފަރުވާދޭނެ އެނދުތައް ނެތުމުގެ މައްސަލަތައްވެސް އެގައުމުގެ ގިނަ ސިޓީތަކެއްގައި އައްނަނީ ކުރިމަތިވަމުންނެވެ.
ފަހުގެ ތާރީހުތަކުގައި އިންޑިއާއާއި އަވަށްޓެރި ޕާކިސްތާނުގެ ގުޅުންތައްވަނީ ރަނގަޅުވާން ފަށައިފައެވެ. މިގޮތުން ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ގާއިމު ކުރުމަށްވެސް މަޝްވަރާތައް ކޮށްފައި ވެއެވެ.



