މާލެ އިން ފުރައިގެން ތ.ގުރައިދޫ އަށް ދަތުރުކުރަމުންދިޔަ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މާލެ އިން ފުރައިގެން 3 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޭންޑިންގ ކްރާފްޓް " ޝަފްރާޒް" ބަންޑުން ޖަހާލައިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓް ގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދުގެ 13:13 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ، މި ލޭންޑިން ކްރާފްޓް ގުރައިދޫއަށް ވެއްދުމަށް އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ލޭންޑިން ކްރާފްޓްގައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައި ތ. ދިޔަމިގިލި ސިއްހީމަރުކަޒައް 13:45 ހާއިރު ގެންގޮސްފައިވާ ކަމަށެވެ.
މި ލޭންޑިން ކްރާފްޓްގައި ހުރީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. އޭގެތެރޭގައި ހިމެނެނީ ކޮންސްޓްރަކްޝަންއަށް ބޭނުންވާ ހިލަ އާއި ހިލަވެލި ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.




