ޖަރުމަންވިލާތުގެ ބައޯއެންޓެކް އާއި އެމެރިކާގެ ފައިޒާ ގުޅިގެން އުފައްދާފައިވާ ފައިޒާ ވެކްސިން ރާއްޖޭގައި ދިނުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވަނީ ކޯވެކްސް ފެސިލިޓީގެ ދަށުން ދިވެހި ރާއްޖެއަށް ކޯވިޑް-19 ގެ 5500 ޑޯޒްގެ ފައިޒަރ ވެކްސިން މިހާރު ލިބިފައިވާކަމަށާއި، މި ވެކްސިނަކީ ފިނިހޫނުމިން 70- ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައިކަމަށެވެ.
ކޮވެކްސް ފެސިލިޓީ އިން ފޮނުވި، ފައިޒާ ވެކްސިންގެ 5850 ޑޯޒް 2021 މާރިޗު 25 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.
More vaccines have arrived!
Maldives has received 5,850 doses of Pfizer vaccines sent by COVAX facility to support the #COVID19 vaccination campaign.@UNICEF is supporting Gov. of Maldives in public communication, supply, logistics & cold chain management for the vaccination. pic.twitter.com/zw4a8Dr3yT
— UNICEF Maldives (@UNICEFMaldives) March 25, 2021
ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުނާއި،
ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުނާއި، ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުންގެ އިތުރުން އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުން ކުރާ މީހުންނާއި، ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް) ބޭނުންކުރާ މީހުންނަށެވެ.
އެޗްޕީއޭ އިން ވިދާޅުވީ ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ތިރީގައިވާ ބަލި ޙާލަތްތައް ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) ކުދިން
- ޑަޔަލިސިސް ގަވާއިދުން ހަދަމުންދާ ކުދިން
- ކެންސަރު ބަލީގެ ކުދިންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ ކުދިން
- އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުން ކުރާ ކުދިން މީގެ ތެރޭގައި ތިރީގައިވާ ބޭސްތައް ހިމެނެއެވެ. (Methotrexate, Leflunomide, Mycophenolate, Tacrolimus, Cyclophosphamide, Cyclosporine,
Azathioprine and Biologics such as Rituximab, Tocilizumab, Infliximab, Tofacitinib) - ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ ކުދިން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް)
- ހަކުރުބަލީގެ ކުދިން
- ތެލަސީމިޔާ މޭޖަރ އަދި ސިކްލްސެލް އެނީމިއާ ބަލީގެ ކުދިން
- ޑައުންސިންޑްރޯމް ހުންނަ ކުދިން
- ސިސްޓިކް ފައިބްރޯސިސް، ބްރޮންކްއެކްޓޭސިސް ފަދަ ފުއްޕާމޭގެ ބަލިތައް ހުންނަ ކުދިން
- އުފެދުމުގައި ހުންނަ ހިތުގެ ބޮޑެތި ބަލި (ކޮންޖެނިޓަލް ހާރޓް ޑިޒީޒް) ހުންނަކުދިން (މައްސަލަ ރަގަޅުކުރުމަށް ސަރޖަރީއެއް ހަދާފައިނުވާ)
އެޗްޕީއޭއިން ވަނީ މިފަދަ ހާލަތެއް މެދުވެރިވެފަިއވާ މީހުން ފައިޒަރ ވެކްސިން ލިބިގަތުމަށްޓަކައި https://tinyurl.com/j5jdehrz ލިންކުން ރަޖިސްޓަރ ކުރެއްވުމަށް ދަންނަވާފައެވެ. ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެންނެވެ.
އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ދެވޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންކަމަށާއި އަދި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެކަމަށެވެ.



