އަންނަ އާދިއްތަ ދުވަހު ފައިޒާ ވެކްސިން ދޭންފެށުމަށް ހަމަޖެހިފައިވާ ކަމުގައި ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީ އިން ވިދާޅުވީ ފައިޒަރ ވެކްސިން ދިނުން 11 އޭޕްރިލް ވާ އާދިއްތަ ދުވަހު ފަށުމަށް ހަމަޖެހިފައިވާ ކަމަށާއި، ވެކްސިން ދެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެންކަމަށެވެ.
ކޮވެކްސް ފެސިލިޓީ އިން ފޮނުވި، ފައިޒާ ވެކްސިންގެ 5850 ޑޯޒް 2021 މާރިޗު 25 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. މި ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހުޅުވާލައިފައި ވަނީ މި ހިނގާ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނިކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުނާއި،
ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުނާއި، ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުންގެ އިތުރުން އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުން ކުރާ މީހުންނާއި، ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް) ބޭނުންކުރާ މީހުންނަށެވެ.
މީގެ އިތުރުން މި ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބަލި ޙާލަތްތަށްބަލައި އެކުދިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމުގައި އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
އެޗްއީއޯސީން ވިދާޅުވީ 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން މި ވެކްސިންދޭނީ ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ކަމަށާއި، 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް ކަމަށެވެ.
އެގޮތުން މިފަރާތްތަށް ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމަށް އެޗްއީ އޯސީން ވަނީ ދަންނަވާފައެވެ.
ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށް ލިބިފައިވާ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންނެވެ. އަދި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެކަމުގައި އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.




