ފުވައްމުލަށް ސިޓީން އަނެއްކާވެސް ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓާ މިވަގުތު ހިންގުމައި ހަވާލުވެހުރި ޚަދީޖާ މިނޫހަށް ވިދާޅުވީ މިއަދު ޕޮޒިޓިވް ވެފައި ވަނީ ރޭ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި ފަރާތަކާއި ކޮންޓެކްޓްވެފައިވާ ދެ މީހުންކަމަށެވެ.
ފުވައްމުލަކު ސިޓީގައި މިވަގުތު ޕޮޒިޓިވް ވެފައިވާ 9 މީހަކު ހުރި އިރު، މީގެ ކުރިން އެ ސިޓީގައި ވަނީ ވަރަށް ބޮޑަށް ކޮވިޑް ފެތުރި ރަށް މޮނިޓަރިންއަށްލާފައެވެ.
އަލުން އެރަށުން ކޮވިޑް ކޭސްތައް ފެނިފައި މިވަނީ އެރަށުގައި ގެސްޓްހައުސްއެއްގައި ހުރި ޓޫރިސްޓެއްގެ ފަރާތުންނެވެ.
އެގޮތުން ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރެގެން އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް އިއްޔެ ދެއްކި ޓޫރިސްޓެއްގެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވި މި ޓޫރިސްޓްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 2 ޑައިރެކްޓް ކޮންޓެކްޓުން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، މިކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާކަމުގައި ޚަދީޖާ ވިދާޅުވިއެވެ.
އެގޮތުން މިހާ ހިސާބަށް އެއް ކޭސްއައި ގުޅުން ހުރި 11 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާކަމަށާއި، އަދި އަނެއް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ވަކި އަދަދެއް ނޭންގޭ ކަމުގައި ޚަދީޖާ ވިދާޅުވިއެވެ.
ކަރަންޓީންގައި ނެތް ދެ ފަރާތެއް މިއަދު އެ ސިޓީން ޕޮޒިޓިވް ވެފައިވާއިރު، މާލެއިން ފުވައްމުލައް ސިޓީ އަށް އައިސް ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުންދާ 2 ފަރާތެއް ރޯގާގެ އަލާމާތްތައް ހުރެގެން ރޭ ނެގި ސާމްޕަލްވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.